ދުނިޔެ

އުމުރަށް ޖަލަށް ދާންޖެހޭ ފަދަ މައްސަލައެއްގައި މަންމޯހަން ސިންގް ކޯޓަށް

Mar 12, 2015
3

ބޯޓުދެލި ނެގުމަށް ލައިސަންސް ދިނުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށް ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ކޯޓަށް ހާޒިރުވާ އަމުރުކޮށްފި އެވެ.

ސިންގުގެ އިތުރުން ފަސް ބޭފުޅަކު، އަންނަ މަހުގެ އަށް ވަނަ ދުވަހު ކޯޓަށް ހާޒިރުވާން އަމުރުކޮށްފައި ވަނީ 2012 ވަނަ އަހަރު ކުރި އޮޑިޓެއްގައި ފާހަގަކޮށްފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. އެ އޮޑިޓުން ދައްކާފައިވާ ގޮތުގައި ބޯޓުދެލި ނެގުމަށް އެކި ފަރާތްތަކަށް މާ ހެޔޮ އަގުގައި ލައިސަންސް ވިއްކުމުގެ ސަބަބުން ދައުލަތަށް 33 ބިލިއަން ޑޮލަރު ގެއްލުން ވެފައިވެ އެވެ.

ސިންގް ނިސްބަތްވާ ކޮންގްރެސް ޕާޓީން މިދިޔަ އަހަރާ ހިސާބަށް، 10 އަހަރު ވަންދެން އިންޑިއާގައި ވެރިކަން ކޮށްފައި ވާއިރު އެ ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ކޯޓަށް ހާޒިރުވާން ކުރި އަމުރާ ގުޅިގެން ސިންގް ވިދާޅުވީ މައްސަލަ ބެލުމަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ކުށެއް ނެތްކަން ސާބިތުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ. އެހެން ވިޔަސް އަޅުގަނޑު މި ހުރީ މިކަމާ ކަންބޮޑުވެފައި. އެކަމަކު ދިރިއުޅުމުގައި މިކަހަލަ ހުރިހާ ކަމަކާ ވެސް ދިމާވާނެ،" ސިންގް ވިދާޅުވި އެވެ.

އުމުރުން 82 އަހަރުގެ ސިންގުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ 1993 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދޫކޮށްފައިވާ ބޯޓުދެލި ނެގުމުގެ ހުރިހާ ލައިސަންސެެއް ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ މި މުއްދަތުގައި ވެރިކަންކުރި ޕާޓީތައް މި މައްސަލައިގެ ތެރޭގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވެސް ހިމެނެ އެވެ. ނަމަވެސް އެންމެ ގިނަ ލައިސަންސް ދޫކޮށްފައި ވަނީ ކޮންގްރެސް ޕާޓީގެ ވެރިކަމުގަ އެވެ. --ބީބީސީ