ވިޔަފާރި

ސީޒަނާ ދިމާކޮށް، ގިނަ ރިސޯޓުތައް ފުރުމާ ގާތަށް!

  • ބައެއް ރިސޯޓުތައް މިހާރުވެސް ވަނީ ފުލްވެފަ
  • އާއްމުކޮށް އޮކިއުޕެންސީ 70 ޕަސެންޓުން މަތީގައި
  • ގިނައިން ޒިޔާރަތް ކުރަނީ ޔޫރަޕު ޓޫރިސްޓުން

މި އަހަރު ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ ގިނަ ރިސޯޓުތައް ފުރުމާ ގާތަށް ގޮސްފި އެވެ.

"އަވަސް" އާ ވާހަކަ ދެއްކި ބައެއް ރިސޯޓުތަކުގެ އިސްވެރިން ބުނި ގޮތުގައި މިހާރު އެވްރެޖް ގޮތެއްގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ 70-80 ޕަސެންޓާއި ދެމެދުގަ އެވެ. އަދި ބުކިން ޓްރެންޑަށް ބަލާއިރު ބައެއް ރިސޯޓްތައް އޯވަ ބުކްވާނެ ކަމަށް ވެސް މިހާރު ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ރިސޯޓު ހިންގަމުން ގެންދާ ކްރައުން ކުންފުނީގެ ޗެއާމަން ހުސެއިން އަފީފު (ޗަމްޕާ އަފީފު) ވިދާޅުވީ އެ ކުންފުނިން ހިންގާ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ 70 ޕަސެންޓުގައި ކަމަށެވެ.

"އެވްރެޖުކޮށް މިއުޅެނީ 65 ޕަސެންޓާއި 70 ޕަސެންޓުގައި. ވޭތުވެދިޔަ 10 އަހަރު ވެސް މި ދުވަސްވަރު އޮކިއުޕެންސީ އުޅޭ މިހާކަށް ވަރަށް. މި ދުވަސްވަރަކީ ކްރިސްމަސް އަށް މީހުން ދަތުރު ފަށަން ތައްޔާރުވަމުންދާ ދުވަސްވަރު. އެހެންވެ މި ދުވަސްވަރު އާއްމު ގޮތެއްގައި އުޅޭނީ މި ވަރަށް،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްވަރު ޓޫރިސްޓުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކްރިމަސް އާއި ނިއުއިޔާއަށް ރިސޯޓްތައް އޯވަބުކްވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"ވޯލްޑް އިކޮނޮމީ އޮތް ގޮތަށް ބަލާއިރު މިއީ ރަނގަޅު ވަރެއް. ކުރިއަށް އޮތްތަނުގައި ރަނގަޅު ވެގެންދާނެ،" އަފީފު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިސްޓް ސީޒަނަށް ބަލާއިރު، އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ދުވަސްވަރަކީ މިމަހުގެ ފަހުކޮޅެވެ. ހާއްސަކޮށް މިމަހުގެ 23 އިން ފެށިގެން ގިނަ ރިސޯޓުތައް ފުލްވާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމަށްވާ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުސޫމް ވިދާޅުވީ އެ ރިސޯޓްގެ އޮކިއުޕަންސީ މި ދުވަސްވަރު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ.

"މިދިޔަ އަހަރާ ބަލާއިރު ވަރަށް ރަނގަޅު. ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރޭ،" ހަތަރު ސަތޭކަ ފަސްދޮޅަށް ދެ ކޮޓަރީ ހުރި، ރިސޯޓުގެ ޖީއެމް، މައުސޫމް ވިދާޅުވި އެވެ.

ހަތަރު ތަރީގެ ރިސޯޓެއް ކަމަށްވާ ޗާޔާ އެއްލައިދޫ ބައި ސިނަމަން ރިސޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޅި އަހަރު ވެސް އެ ރިސޯޓުގެ އޮކިއުޕެންސީ ވަރަށް ރަނގަޅު ކަމަށެވެ.

"މި ރިސޯޓު މި ދުވަސްވަރު އޮތީ 95 ޕަސެންޓުގައި. މިތަނަށް [އެއްލައިދޫ] އަށް ގިނަ އަންނަނީ ޑައިވިން ޓޫރިސްޓުން. އެހެންވެ މުޅި އަހަރު ވެސް ވަރަށް ރަނގަޅު،" އިނގިރޭސިންނާއި ޖަރުމަނު ޓޫރިސްޓުން ގިނަ އަދަކަށް އަންނަ ރިސޯޓުން ވާހަކަ ދެއްކި، އޮފިޝަލް ވިދާޅުވި އެވެ

މީގެ އިތުރުން މާލެ ކައިރީ ގިނަ ރިސޯޓުތައް ކަމަށްވާ ފިހާޅޮހި ފަަދަ ރިސޯޓުތަކުގެ އޮކިއުޕެންސީވެސް ހުރީ 80 ޕަސެންޓު ވަރުގަ އެވެ.

ފިހާޅޮހި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އާދަމް އިބްރާހިމް ކުރިން އަވަސް އަށް ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ އޮކިއުޕެންސީވެސް ހުރީ މަތީގައި ކަމަށެވެ. އަދި ކްރިސްމަސް ބަންދާ ދިމާކޮށް ރިސޯޓު ފުރުމާ ގާތަށް ދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވިއްކާ އިނަ މޯލްޑިވްސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރު ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

"މި އަހަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ރަނގަޅަށް އޮތީ. މިކޮޅު[އިނަ މޯލްޑިވްސް] ގެ ކްލައިންޓުންގެ ވާހަކަ ތަކަށް ބަލާއިރު އޮކިއުޕެންސީ އުޅެނީ ރަނގަޅަށް،" ގިނަ ރިސޯޓުތަކެއް ވިއްކާ ކުންފުނީގެ ޑީއެމްޑީ ވިދާޅުވި އެވެ.

ރިސޯޓުތައް ފުރުމާ ގާތުގައި އޮތްއިރު، މި އަހަރަކީ މުޅިން އަލަށް ގިނަ ރިސޯޓުތަކެއް ރާއްޖޭގެ މާކެޓަށް ނެރުނު އަހަރެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 10 އަށްވުރެ ގިނަ ރިސޯޓު މުޅިން އަލަށް ހުޅުވާފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި މުއްދަތުގައި ޔޫރަޕުން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.