ވިޔަފާރި

މެޝިނަރީ އުފައްދާ ބޮޑު ކުންފުންޏަކާ އެކު އެމްޓީސީސީ އިން އެއްބަސްވުމަކަށް

Dec 15, 2016
  • ހެވީ ވެހިކަލް ގެނެސް ވިއްކުމުގެ މަގު ފަހިވާނެ
  • މިއީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި
  • މަސައްކަތް ހަލުވިވެ އިތުރު ބާރަކަށް ވާނެ

ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ހެވީ މެޝިނަރީ ފޯރުކޮށްދޭން ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާގެ "އެކްސްސީއެމްޖީ" އާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކެޓިވް އޮފިސަރު އިބްރާހިމް ޒިޔަތު އެވެ. އަދި ޗައިނާގެ އެކްސްސީއެމްޖީގެ ފަރާތުން ސޮއިކުރެއްވީ އޭޝިޔާ ޕެސިފިކް ޑިޕާޓްމަންޓުގެ ސޭލްސް މެނޭޖަރު ކްރިސް ވަންގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެކްސްސީއެމްޖީ ބްރޭންޑުގެ ވެރިކަލް ރާއްޖެ ގެނެސް، މި ސާމާނަށް ބޭނުންވާ އާފްޓަސޭލް ސާވިސް އާއި ސްޕެއާ ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ސަބަބުން މަސައްކަތް އަޅުގަނޑުމެން ކުރާ މަސައްކަތްތަކަށް ބޭނުންވާ ވެހިކަލް ލިބުމުގައި އިތުރު މަގެއް ފަހިވެގެން މިދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.

އެކްސްސީއެމްޖީ ކުންފުންޏަކީ އިމާރާތް ކުރުމުގައި ބޭނުންކުރާ ކްރޭނާއި އެކްސްކަވޭޓަރު ފަދަ އުޅަނދު ފަހަރު އުފެއްދުމުގައި ދުނިޔޭގެ ފަސް ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ. އަދި އެ ކުންފުންޏަކީ ޗައިނާގައި މިފަދަ ވެހިކަލްތައް އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ސީއީއޯ ޒިޔަތު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެކްސްސީއެމްޖީގެ ހެވީ ވެހިކަލްތައް ރާއްޖެ ގެނެސް ވިއްކުމުގެ މަގު ވެސް ފަހި ވެގެންދާނެ ކަމަށެވެ.

"މި ވެހިލްތައް ގެނެސް ކްރެޑިޓަށް ވެސް ފޯރުކޮށް ދިނުމުގެ މަގު ފަހިވެގެންދާނެ. ބޭނުންނަމަ މާކެޓަށް ވިއްކަންވެސް ވިއްކޭނެ،" ޒިޔަތު ވިދާޅުވި އެވެ.

ސޮއިކުރުމަށްފަހު، ޗައިނާގެ އެކްސްސީއެމްޖީގެ ސޭލްސް ޑިރެކްޓަރު ކްރިސް ވިދާޅުވީ އެމްޓީސީސީއެކު މިފަދަ އެއްބަސްވުމަކަށް އައުމަކީ އުފަލެއް ކަމަށެވެ.

"އެމްޓީސީސީ ފަދަ މީހުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކާއެކު މިފަަދަ އެއްބަސްވުމެއް ހެދުމަކީ ލިބޭ ބޮޑު އުފަލެއް،" ޒިޔަތު ވިދާޅުވި އެވެ.

އެކްސްސީއެމްޖީ އިން ދުނިޔޭގެ އެކި ގައުމުތަކަށް ހެވީ މެޝިނަރީ ފޯރުކޮށްދެ އެވެ. މިގޮތުން ޗައިނާ ރާއްޖެ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްކުރާ ޗައިނާ ސީސީސީ ކުންފުނިން ވެސް ބޭނުން ކުރަނީ މި ކުންފުނީގެ ވެހިކަލް ތަކެވެ. އަދި މި ކުންފުންޏަކީ ޗައިނާގައި އެންމެ ފުރަތަމަ ހެވީ ކްރޭނެއް އުފެއްދި ކުންފުންޏެވެ.

އެމްޓީސީސީއިން ހެވީ މެޝިނަރީ ހޯދުމަށް ޗައިނާ ކުންފުންޏަކާއެކު ސޮއިކުރިއިރު، އެ ކުންފުނިން ރާއްޖޭގައި 60 އަށްވުރެ ގިނަ މަޝްރޫއު މިހާރުވެސް ކުރިއަށްގެންދެ އެވެ.