ހަބަރު

އެމްޑީޕީއިން ހުށަހެޅި ގިނަ މަންދޫބުން ބަލައެއް ނުގަތް

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި އެމްޑީޕީއިން ހުށަހެޅި ގިނަ ނަންތަކެއް ބަލައިގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ދެކޮޅު ހަދާފައިވާ ކަމަށް އިދިކޮޅު، އެމްޑީޕީއިން ބުނެފި އެވެ. އެކަމާ ގުޅިގެން އެމްޑީޕީއިން ބުނީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ނެތިގެންދާ ގޮތަށް އީސީއިން އަމަލުކުރަމުންދާ ކަމަށެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށްވުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި ކޮމިޝަނުން ވަނީ އެ ފުރުސަތު އިތުރުކޮށް ނުދީފަ އެވެ. އެމްޑީޕީއިން ބުނީ އޮބްޒާވަރުންނާއި މޮނީޓަރުންނަށްވުމަށް އީސީއިން ފުރުސަތު ދިނަސް އެކަމަށް ބޮޑެތި ހުރަސްތަކެއް މެދުވެރިކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެކަމާ ކަންބޮޑުވެ އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނީ ފޯމަކުން އިންޓަނެޓްގެ ޒަރިއްޔާއިންކަމަށް އިއުލާނުކޮށްފައިވާއިރު، ވަގުތު ފާއިތުވެގެން ދިއައިރު ވެސް އެ ކޮމިޝަނުގެ ސާވާ ބިޒީވެ، އެ ކޮމިޝަނުން އެދުނުގޮތަށް އިންޓަނެޓްގެ ޒަރިއްޔާއިން ފޯމްތައް ހުށަހެޅުމަށް ހުރަސްތައް ކުރިމަތިވި ކަމަށެވެ. އެކަމުގެ ސަބަބުން އޮބްޒާވަރުންނާއި އަދި މޮނީޓަރުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު އެތަކެއް ކެންޑިޑޭޓުންނަށް ގެއްލިގެންގޮސްފައިވާ ކަމަށް އެ ޕާޓީ އިން ބުންޏެވެ.

"އިލެކްޝަންސް ކޮމިޝަނުން އެކިއެކި އުކުޅުތަކާއި ހީލަތްތައް ބޭނުންކޮށްގެން އެ ފުރުސަތަށް ހުރަސްއަޅާފައިވޭ،" އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ، ސާވާ ބިޒީވާ އިންޓަނެޓުން ފޯމް ހުށަނޭޅޭ ގޮތް ދިމާވުމުން އިންޓަނެޓުން ނޫން ގޮތަށް ވެސް ފޯމު ހުށަހެޅިދާނޭކަމަށް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ސިޓީއަކުން އަންގާފައިވަނީ ވެސް އެ މުއްދަތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް، ހުކުރު އަދި ހޮނިހިރު ބަންދަކާ ދިމާވާ ގޮތަށް ކަމަށެވެ. އެ ހުރަސްތަކާއެކު ވެސް އެ ޕާޓީން ހުށަހެޅި އޮބްޒާވަރުންގެ ނަންތަކުގެ ތެރެއިން ގިނަ ނަންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަނީ އެއްވެސް ހަރުދަނާ ސަބަބެއް ނެތި ބަލައި ނުގަނެފައި ކަމަށް އެމްޑީޕީއިން ބުންޏެވެ.

"....އަދި އަތޮޅު ފޯކަލް ޕޮއިންޓުތަކުން އޮބްޒާވަރުންގެ ފޯމު ބަލައިގަންނާނޭކަމަށް އެ ކޮމިޝަނުން އަންގާފައި ވީނަމަވެސް ބައެއް ފޯކަލް ޕޮއިންޓުތަކުން އެގޮތަށް ވެސް އަމަލުކޮށްފައިނުވެއެވެ. އަދި މިކަންކަން މިހެން އޮތް އިރު މި އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގައި އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގައި އެމްޑީޕީގެ ފަރާތުން ތަމްސީލުކުރައްވަމުން ގެންދަވާ މަންދޫބު، މި ޕާޓީގެ ޗެއަޕާސަންގެ ނައިބު އަލީ ނިޔާޒު، މިދަނޑިވަޅާ ދިމާކޮށް ފުލުހުން ހައްޔަރުކޮށްފައިވާ އަމަލަކީ ވެސް މި އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ހިންގި އަމަލެއްކަމަށް ދެކެން،" އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ، އެ ކަންތައްތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ނުވަތަ މީޑިއާގެ ފަރާތްތަކަށް ވޯޓު ގުނާއިރު ހާޒިރުވެ ތިބުމާއި އަދި ނަތީޖާ ލިޔެ ބެލެހެއްޓުމަށް ގާނޫނާ ހިލާފަށް ހުރަސްއެޅިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، އެ ކޮމިޝަނުން އެއްވެސް ކަމެއް ހަރުދަނާ ކަމެއް ނެތި ނުނިންމާ ކަމަށެވެ. ޕާޓީތަކުން ދަތިވާ ކަމަށް ބުނުމުން އެކަން ކަމަށް ވެސް ހައްލު ހޯދައިދީފައިވާނެ ކަމަށް އަކުރަމް ވިދާޅުވި އެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހުށަހެޅި ބައެއް ނަންތައް ބަލައި ނުގަނެ ހުންނާނީ އެކަށީގެންވާ މަގުބޫލް ސަބަބުތައް ހުރެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އިން ވެސް އިލެކްޝަންސް ކޮމިޝަނާ މެދު ހިތްހަމަ ނުޖެހިފައިވާ އިރު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި މައްސަލަ ޖެހި ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވުމުގެ ސަބަބުން އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވަނިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން ވަނީ ބަންދުކޮށްފަ އެވެ. ޕީޕީއެމް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ިއންތިހާބު ދެ މަހަށް ފަސް ކުރަން ވަނީ ސިވިލް ކޯޓުން އަމުރެއްކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.