ވިޔަފާރި

އެމްޓީސީސީގެ "މަހާ ޖައްރާފު" އެޕްރީލް މަހު ރާއްޖެ ގެންނަނީ

Dec 15, 2016
3

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަންނަ މަހު ބާލައި، އެޕްރީލް މަހު ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ ޑްރެޖަރު ބަނުމުގެ މަސައްކަތް ނިމުމަކާ ކައިރި އަށް އައިސްފައިވާ ކަމަށެވެ.

"އަންނަ މަހުގެ 12 ވަނަ ދުވަހު މޫދަށް ބާލާނެ. އޭގެ ފަހުން ބައެއް ޓެސްޓްތައް ކުރާނެ. އެއަށްފަހު ރާއްޖެ ގެންނާނެ،" ޒިޔަތު ވިދާޅުވި އެވެ.

ބިން ހިއްކުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެ މި ޑްރެޖަރު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

މި އުޅަނދު ރާއްޖެ އައުމާއެކު ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް ކުރެވޭނެ ކަމަށް ސީއީއޯ ޒިޔަތު ވިދާޅުވެފައިވެ އެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަދަށް ވާނެ އެވެ.