ހަބަރު

އެމްޑީޕީ ޗެއާޕާސަން ކަމަށް ކުރިމަތިލީ ހަސަން ލަތީފް އެކަނި

އެމްޑީޕީގެ ޗެއާ ޕާސަން ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު އެކަނި ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެ ޕާޓީއިން ފުރުސަތު ހުޅުވާލައިފަވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އަދި އެ މަގާމަށް ކުރިމަތިލާފައިވާ ހަމައެކަނި މެންބަރަކީ ނަޝީދު ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ހަސަން ކަމަށް އެމްޑީޕީއިން މިއަދު ބުންޏެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު 'އަވަސް' އަށް ވިދާޅުވީ، ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް، ހަސަން އަށް މަގާމު ލިބިވަޑައިގަންނަވާނީ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

ޗެއާޕާސަން އައްޔަންކުރުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް އެމްޑީޕީ އިން ކުރިން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދިނީ ރާއްޖޭގައި ތިބި އެމްޑީޕީގެ އެހެން މެންބަރުންނަށް ފުރުސަތު ދޭން ކަމަށް ބުނެ އެވެ. އޭގެ އިތުރުން އަލީ ވަހީދު ވަނީ އެމްޔޫއޯގެ މެންބަރު ކަމުންވެސް ވަކިވެފަ އެވެ.