ހަބަރު

މަނާތަނަކަށް އެއްވުމުން އެމްޑީޕީ އައްޑޫ ޖަލްސާ ހުއްޓުވައިފި

Dec 17, 2016

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް މިރޭ އެމްޑީޕީއިން އައްޑޫ، ހުޅުމީދޫގައި ބޭއްވި ޖަލްސާ އެއްވުން މަނާ ސަރަހައްދެއްގައި ބޭއްވުމުން ފުލުހުން އެ ޖަލްސާއަށް ހުރަސް އަޅައިފި އެވެ.

އެމްޑީޕީގެ އިސްވެރިން ބައިވެރިވެގެން ހުޅުމީދޫގައި މިރޭ 9:00 ހާއިރު އެމްޑީޕީއިން ބޭއްވި އެ ޖަލްސާ ފެށުމާ އެކު ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ ޖަލްސާ ބާއްވަމުން ދިޔަ ސަރަހައްދު ވަށާލައި އެ ސަރަހައްދުން މީހުން ފަހަތަށް ޖައްސައިފަ އެވެ. އަދި އެ ސަރަހައްދުގެ ހުރި ޕޯޑިއަމް ވެސް ފުލުހުން ވަނީ އެތަނުން ދުރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޑީޕީ އިން އައްޑޫގައި ބޭއްވި އެއްވުމަށް ފުލުހުން އެޓެންޑް ކުރަން ޖެހުނީ، އެ އެއްވުން ބޭއްވީ އެއްވުން މަނާ ސަރަހަދެއް ކަމަށްވާ، ހުޅުމީދޫ ކޯޓު ސަރަހައްދުގައި ކަމަށް ވާތީ އެވެ. އަދި އެއްވުން ހުއްޓިވި ކަމަށް ބުނާ ވާހަކަ ދޮގު ކުރަމުން ފުލުހުން ބުނީ، އެއްވުމުގެ ބައިވެރިން ކޯޓު ސަރަހައްދުން ދުރުކުރުން ފިޔަވާ އެހެން ކަމެއް ނުކުރާ ކަމަށެވެ.

އެ ސަރަހައްދުން މީހަކު ހައްޔަރު ކުރިތަން ވެސް ބައެއް ރިޕޯޓަރުންނަށް ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ފުލުހުންނަށް އިންޒާރު ދިނުމުން ކަމަށެވެ. އަދި އެ މީހާ އަކީ އެ ޖަލްސާއާ ގުޅުން ހުރި މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ހުޅުމީދޫ ކޯޓު ކައިރީ އެއްވެ ތިބެ ޖަލްސާ ބާއްވާފައި ވަނީ. އެހެންވެ ފުލުހުންގެ ޓީމެއް ގޮސް މީހުން އެއް ފަރާތަކަށް ޖައްސާ ދުއްވާ ތަކެއްޗައް އުނދަގޫ ނުވާނެ ގޮތަކަށް ހެދީ. އެއްގޮތަކަށްވެސް ޖަލްސާ ހުއްޓުވާފައެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ. 

އެމްޑީޕީގެ ސެކްރެޓޭރިއަޓް އިން ބުނީ، ފުލުހުންގެ އަމަލުތައް ކުށްވެރިކުރާ ކަމަށާއި އެއީ ހިޔާލުފާޅު ކުރުމަށް ހުރަސް އެޅުން ކަމަށެވެ. ފުލުހުން އައިސް މީހުން ފަހަތަށް ޖައްސަން ފެށުމުން ޖަލްސާ ވަނީ ކުރުކޮށްލުމަށް ފަހު ހުއްޓާލައިފަ އެވެ.