ހައިކޯޓް

ބޭރުގެ ބޭންކެއްގެ މުއާމަލާތަކަސް ވިތްހޯލްޑިން ޓެކްސް ދައްކަން ޖެހޭނެ

Dec 18, 2016
1

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއަކަށް މަންފާ ލިބޭނަމަ، ބޭރުގެ ބޭންކެއް މެދުވެރިކޮށް ބޭރުގެ ފަރާތަކަށް ދައްކާ ފައިސާއިން ވިތްހޯލްޑިން ޓެކްސް ދައްކަން ޖެހޭނަމަ، އިސްތިސްނާ ނުވާނެ ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ހައިކޯޓުންކުރި ހުކުމުގައި، ވިތްހޯލްޑިން ޓެކްސް ދެއްކުމަށް މީރާއިން އަންގާފައިވާ މުއާމަލާތަކީ އައިޝަތު އާސިމާ ކިޔާ މީހަކު ހިންގަމުން ގެންދާ ގެސްޓް ހައުސްއެއް އިޝްތިހާރު ކުރުމަށް އޭނާގެ ފިރިމީހާގެ ނަމުގައި އިނގިރޭސިވިލާތުގެ ބޭންކަކުން ދޫކޮށްފައިވާ ކްރެޑިޓް ކާޑަކުންކޮށްފައިވާ މުއާމަލާތެއް ކަމުގައިވީ ނަމަވެސް، އެ މުއާމަލާތުން ފައިދާ ކޮށްފައިވަނީ، އައިޝަތު އާސިމާގެ ނަމުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން ގެންދާ ވިޔަފާރިއަކަށް ވީތީ، އެ މުއާމަލާތާ ގުޅިގެން ވިތްހޯލްޑިން ޓެކްސް ދައްކަންޖެހޭނީ ވިޔަފާރީގެ ވެރިފަރާތުންކަން ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން، އައިޝަތު އާސިމާއާ ދެކޮޅަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ކުރިން ނިންމާފައިވާ ނިންމުން، ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލައިގައި ޓްރައިބިއުނަލްއިން ނިންމި ގޮތަށް ބަދަލު ގެންނަން ޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބަޔާން ކޮށްފައެވެ.

މި މައްސަލައަކީ، ވިތްހޯލްޑިން ޓެކުހުގެ ގޮތުގައި އައިޝަތު އާސިމާ ދިވެހި ދައުލަތަށް ދައްކަން ޖެހޭކަމަށް މީރާއިން ކުރި އޮޑިޓަކުން ކަނޑައަޅާފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބަޔާންކޮށް، އެ ފަރާތުން ކޮށްފައިވާ އިއުތިރާޒާ ގުޅިގެން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭތީ، އެ މައްސަލަ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރުމުން، މީރާގެ ނިންމުން ރަނގަޅުކަމަށް ޓްރައިބިއުނަލް އިން 2014 ވަނަ އަހަރު ކަނޑައެޅުމުން، ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ.

ވިތްހޯލްޑިން ޓެކްސްއަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ގާނޫނުގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ބޭރުގެ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ފައިސާގެ 10 އިންސައްތައިގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ޓެކުހެކެވެ.