ހަބަރު

ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް 28،800 ރުފިޔާގެ ޖޫރިމަނާ އެއް

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމާއި ލީވަން އަލީ ނަސީރުގެ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ދެ ނޫސްވެރިން 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި ހުކުމް އިއްވާފައިވަނީ ދާދިދެންމެއަކު އެވެ.

ދެ ނޫސްވެރިންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށީ ދޭއް ކައިރީގައި ތިބި މީހުން ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި ރާއްޖެ ޓީވީ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތަށް ދަމާފައިވާ ކަމަށެވެ. ވިޝާމްއަށް ދައުވާ ކުރީ އެކަމާ ގުޅިގެނެވެ.

ލީވާންއަށް ދައުވާކުރީ ފިޔާޒު ހައްޔަރު ކުރަން ފުލުހުން އޭނާގެ ގައިގާ އަތް އެޅުވުމުން ލީވާން، ފިޔާޒުގެ ގައިން ފުލުހުންގެ އަތް ނައްޓާލުމުންނެވެ. މި މައްސަލާގައި ފިޔާޒުގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.

މި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. މި މައްސަލާގައި ހަތަރު ފުލުހަކު ވަނީ ވިޝާމާއި ލީވާންއާ ދެކޮޅަށް ހެކި ބަސް ދީފަ އެވެ. އަދި ދެ ނޫސްވެރިންގެ ދިފާއުގައި ތިން ނޫސްވެރިޔަކު ވެސް ވަނީ ހެކި ބަސް ދީފަ އެވެ.

މި މައްސަލާގެ އިތުރުން ވެސް ވިޝާމްގެ މައްޗަށް އެހެން ދައުވާއެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ އަޑުއެހުންތައް އަދި ނުނިމެ އެވެ.

ރާއްޖެޓީވީއިން ވަނީ އެ ސްޓޭޝަނުގެ ދެ ނޫސްވެރިންނަށް ހުކުމް އިއްވަނީ ނުހައްގުން ކަމަށާއި އެ ހުކުމުން އެ ދެ ނޫސްވެރިން ސަލާމަތް ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ޖިނާއީ ދައުވާއެއް ނޫސްވެރިއަކަށް ސާބިތުވި ފުރަތަމަ ފަހަރެވެ.