ހަބަރު

ޔޫކޭ މަޖިލިސް މެންބަރު ހާމަ ކުރެއްވީ އޭނާގެ އަމިއްލަ ހިޔާލެއް: އަދީބު

Mar 12, 2015

މުހައްމަދު ނަޝީދުގެ ޝަރީއަތާ ގުޅިގެން ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމަނައި، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުގެ މަޖިލިސް މެންބަރެއް ކަމަށްވާ، ފިއޯނާ ބްރޫސް ގޮވާލެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ބައެއްގެ ޕީއާރު އެޖެންޓުން ޔޫކޭގައި ތިބޭ ކަމަށް ވިދާޅުވެ އަދީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއޯނާ ފާޅު ކުރެއްވީ ޔޫކޭ ސަރުކާރާއި އެކަމަނާ ނިސްބަތްވާ ކޮންސަވޭޓިވް ޕާޓީގެ ނިންމުމެއް އަދި ހިޔާލެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އެކަމަނާގެ އަމިއްލަ ހިޔާލުފުޅެއް ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.

ކޮންޒަވޭޓިވް ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން ކުރައްވައި ފިއޯނާ މިއަދު އާންމު ކުރެއްވި ސްޓޭޓްމަންޓެއްގައި އޭނާ ވަނީ ނަޝީދުގެ ޝަރީއަތާއި ދެކޮޅަށް ދުނިޔެއިން ތެދުވެ ރާއްޖެއާ މެދު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފަ އެވެ. އެގޮތުން ބޭރު ގައުމުތަކުގައި ހުރި ސަރުކާރުގެ އިސްވެރިންގެ އެސެޓްތައް ހިފެހެއްޓުމަށާއި ސަރުކާރާ ގުޅުން ހުރި ވިޔަފާރިވެރިންގެ ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ޓޫރިސްޓުންނަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. އަދި ސީމެގްގައި ރާއްޖެ ހިމެނުމަށް ގޮވާލަމުން އޭނާ ވަނީ ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން ފިއޯރާ ނަޝީދު ސިފަކުރެއްވީ ސުލްހަޔަށް ލޯބި ކުރާ، "ޑިމޮކްރަސީގެ ޗެމްޕިއަން"ގެ ގޮތުގަ އެވެ.