ވިޔަފާރި

އިތުރަށް އެސްޓީއޯ ކަސްޓަމާ އޮރިއެންޓެޑް ތަނަކަށް ހަދާނަން: ޝަހީރު

Dec 20, 2016

އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ މަގުސަދު ކަމަށާއި ކުރިޔަށް އޮތް ތަނުގައި އިތުރަށް އެ ކުންފުންޏަކީ ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏަކަށް ބަދަލު ކޮށްލާނެ ކަމަށް އެމްޑީ އަހުމަދު ޝަހީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު މުވައްޒަފުންނަށް ބޭއްވި ހާއްސަ އެސްމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ، އެސްޓީއޯގެ 52 އަހަރުގެ މާޒީގެ ތެރޭގައި ކުންފުނިން ވަނީ ރާއްޖޭގެ އިގްތިސޯދީ، އުމްރާނީ، މާއްދީ އަދި އިޖްތިމާއީ ތަރައްގީއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައި ކަމަށެވެ.

"އެސްޓީއޯގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އެކަށީގެންވާ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއަކީ އެހެން ކުންފުނިތަކަށް ބެންޗްމާކް ކުންފުންޏެއް ކަމަށް އިޝާރާތް ކުރައްވާ ޝަހީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރަށް ކަސްޓަމާ އޮރިއެންޓެޑް ތަނަކަށް އެސްޓީއޯ ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މި ފާއިތުުވި އަހަރުތެރޭ އެސްޓީއޯއިން ހާސިލްކޮށްފައިވާ ކަންތައްތަކަށް ޝަހީރު އަލިއަޅުއްވާލެއެވިއެވެ. ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ކަންކަމަށް ވަރަށް އަހަންމިއްޔަތުކަންދޭ ކުންފުންޏެއް ކަމަށާއި މިނިމުނު އަހަރަކީ އެކި ގޮތްގޮތުން ތިމާވެއްޓަށް އާންމުން އަހުލުވެރި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.

ފެށޭ އަހަރު އެސްޓީއޯއިން ޓްރެއިނިން ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މިކުންފުންޏަށް ގިނަދުވަހު ހިދުމަތްކޮށްދެއްވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ހޮވާލެވޭ މުވައްޒަފުންނަށް ހައްޖަށް ދެވޭނޭ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ވެސް އިއުލާންކޮށްދެއްވި އެވެ.