ދުނިޔެ

އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް

އެބޯލާގެ މި ބަލިމަޑުކަމެއް މިފަހަރު ކުރިމަތިވީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ހުޅަނގު އެފްރިކާގެ ގައުމުތައް ކަމުގައިވާ ގިނީ އާއި ލައިބީރިއާ އަދި ނައިޖީރިއާ އާއި ސިއެރެލިއޯނުގައި މި ވައިރަސް ފެތުރުމަށް ފަހު އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ސްޕެއިން އިން ވެސް ވައިރަސް ފެނިފައިވެ އެވެ.

އެންމެ ބޮޑަށް ވައިރަސް ފެތުރިފައި ވަނީ ސިއެރެލިއޯނުގަ އެވެ. އެ ގައުމުން އެކަނި ވެސް މި ބަލީގެ 11،677 މީހުންގެ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

ވައިރަސް އަރާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 24،350 އެވެ.

ނަމަވެސް އޮފިޝަލުން ވިދާޅުވަނީ ފާއިތުވި އަހަރާ އަޅާ ބަލާއިރު އެބޯލާގެ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި ބަލި ފެތުރުން މަޑުވެއްޖެ ކަމަށެވެ. ނަމަވެސް ބަލީގެ ނުރައްކާ ބޮޑު ގައުމުތަކަށް ދަތުރުފަތުރުކުރުގައި އާންމުން ސަމާލުވުމަށް އޮފިޝަލުން ލަފާ ދެ އެވެ.

މިއީ އެބޯލާގެ ބަލިމަޑުކަމެއްގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވެ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވި ފަހަރެވެ.

އެބޯލާ އަކީ ވާލުގެ ޒަރިއްޔާ އިން އެހެނިގެން ޖަނަވާރުންނާއި އިންސާނުންގެ ގަޔަށް އަރާ ނުރައްކާތެރި ވައިރަހެކެވެ. ވައިރަސްއާ ދެކޮޅަށް މިފަހުން ހާއްސަ ވެކްސިންތަކެއް ބޭނުންކުރަން ފަށާފައިވީ ނަމަވެސް މި ވައިރަސް ކޮންޓްރޯލްކުރެވޭ ވަރުގެ ސީދާ ވެކްސިނެއް މިހާތަނަށް އިންސާނުންގެ މެދުގައި ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

އެބޯލާ އަކީ ފުރާނަ ދުއްވާލާ ވަރުގެ ނުރައްކާ ބޮޑު ރޯގާ އެކެވެ. ގަދަ އަށް ހުން އައުމާއި ގައިގައި ރިއްސުމާއި ބޭރަށް ހިންގުމާއި ހޮޑުލެވުން ފަދަ ކަންކަމަކީ މި ބަލީގެ އާންމު އަލާމާތްތަކެވެ.