ފެނަކަ ކޯޕްރޭޝަން

ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަކަށް ފެނަކައިން ވަޒީފާދީފި

Dec 22, 2016

ފެނަކަ ކޯޕަރޭޝަނުން ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަކަށް ވަޒީފާ ދިނުމަށް ނިންމައި، އެ ވަޒީފާތައް ހަމަޖައްސައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިވިޝަންގެ ޑިރެކްޓާ އިދުރީސް އަބްދުﷲ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަކަށް ފެނައިކައިން މިހާރު ވަޒީފާ ހަމަޖައްސާފައިވާ ކަމަށެވެ. އެއީ މުޅިން ވެސް އަތޮޅުތަކުގެ ތެރޭގައި ހުންނަ ފެނަކައިގެ ބްރާންޗުތަކުންނެވެ.

އެ ފަރާތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް އަންނަ އާދިއްތަ ދުވަހު ދަރުބާރުގޭގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ރަސްމިއްޔާތުގައި ވަޒީފާ ލިބޭ 81 ފަރާތަކުން ބައިވެރިވާނެ އެވެ. އިދުރީސް ވިދާޅުވީ، ރަސްމިއްޔާތަށް ބެލެނިވެރިންނާއެކު މާލެ އާދެވޭ ފަރާތްތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފެނަކައިގައި މިހާރު ވެސް ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަކުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އެއީ މާލޭ ހެޑް އޮފީހާއި ބ. ދޮންފަނު ބްރާންޗް އަދި ނ. ވެލިދޫ ބްރާންޗްގަ އެވެ.

ފެނަކައިން މި ވަޒީފާގެ ފުރުސަތުތައް ހަމަޖައްސާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މުޖުތަމައުން އެއްވެސް ފަރުދަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.