ހަބަރު

އިމާރާތެއްގެ މަތިން އެއްޗެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ

މާލޭގައި ހަދަމުންދާ އިމާރާތެއްގެ ދެވަނަ ބުރިން ދޮރުގަނޑެއް ވެއްޓި ދެ މީހެއްގެ ބޮލުގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. ބޮޑުފުޅަށް ގޯޅީގައި ހުންނަ އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހުނު ދެ މީހަކަށް ގެއްލުންވި ހާދިސާއަށްފަހު އެ ދެ މީހުނަށް ވެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އަނިޔާވި ދެމީހުންގެ ތެރެއިން އެކަކީ އަންހެނެކެވެ. އެ ދެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، ފިރިހެންމީހާގެ ބޮލުގައި ޖާލިގަނޑެއް ފާޑުގެ ދޮރުންޖެމުގެ ސަބަބުން ބޯފަޅައިގެން ގޮސްފައި ވެއެވެ. އޭނާގެ ހާލު ސީރިއަސް އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އިމާރާތުގެ މަތިން ވެއްޓުނު ޖާލިގަނޑެއް ފާޑުގެ ދޮރަކީ އަށް ފޫޓާއި ހަތަރު ފޫޓުގެ ދޮރެކެވެ. އެ ދޮރު ވެއްޓި ޖެހުނީ ފިރިހެންމީހާގެ ބޮލު ފުރަގަހުގައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފިރިހެންމީހާގެ މޫނާއި ކަންފަތަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި ފިރިހެންމީހާއަކީ 43 އަހަރުގެ މީހެކެވެ. އޭނާގެ ސީޓީ ސްކޭނެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިއަދު 3:30 ހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި އަންހެން މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވެ އެވެ.