އިންފްލޭޝަން

އޮކްޓޫބަރު މަހު އިންފްލޭޝަން ރޭޓް 1.91 ޕަސެންޓްގައި

މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.91 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުގައި ބުނެފި އެވެ.

ކާޑަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާއެކު އޮކްޓޫބަރު މަސް ފާހަގަ ކުރެވުނީ އިންފްލޭޝަން ރޭޓަށް ކުއްލި އުފުލުމެއް އައި މަހެއްގެ ގޮތުގަ އެވެ. އެގޮތުން ހަންޑުލާއި ހަކުރުން 80 އަށްވުރެ ބޮޑު ޕަސެންޓެއް ވަނީ މައްޗަށް ޖެހިފަ އެވެ.

ސީޕީއައި ރިޕޯޓުގައި ބުނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ޖުމްލަކޮށް ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 1.71 ޕަސެންޓްގެ އުފުލުމެއް އައިސްފައިވާ ކަމަށެވެ. އެ ބަަދަލު އައިސްފައިވަނީ ކާޑުގެ ބާވަތްތަކުގެ އަގަށް އައި ބަދަލާއެކު އޮކްޓޫބަރު މަހުގެ އިންފްލޭޝަން މައްޗަށް ދިއުމުންނެވެ. މިދިއައޮކްޓޫބަރު މަހުގެ އިންފްލޭޝަން ރޭޓް ހުރީ މަހުގެ އަގުތަކަށް އައި ބަދަލު ނުލައި 2.22 ޕަސެންޓްގަ އެވެ. އޮކްޓޫބަރު މަހު ރާޢްޖޭގެ އިންފްލޭޝަން ރޭޓަށް މައްޗަށް ޖެހިފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޫބަރުން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އިންފްލޭޝަން ރޭޓަށް އައިސްފައިވަނީ 1.71 ޕަސެންޓްގެ އުފުލުމެކެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ތަކެތީގެ އަގު މަތިވެފައިވާގޮތަށް ބަލާއިރު، ހަނޑުލުން 85 ޕަސެންޓް، ހަކުރުން 82 ޕަސެންޓް އަދު ފުށުން 70 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި ޗޮކުލެޓާއި، މާމުޔާއި ޖޭމާއި މެޓާގެ އަގުން 44 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ތިން ވަނައަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޕާނާއި ސީރިއަލްގެ އަގުންނެވެ. ޕާނާއި ސީރިއަލްގެ އަގު 30 ޕަސެންޓް މަތިވެފައިވާއިރު، ހެދިކާގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ.

ޕާނާއި ބަނަހާއި ހެދިކާގެ އަގު މަތިވެފައިވަނީ ކާޑުގެ އަގަށް އައި ބަދަލާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުންޏެވެ.

މދިއަ އޮކްޓޫބަރު މަހުގެ ޖުމްލަ ހިސާބަށް ބަލާނަމަ ކާބޯތަކެތީގެ އަގު އުފުލުނީ 5.57 ޕަސެންޓަށެވެ.

ކާބޯތަކެތީގެ އަގުތަކަށް އައި އިތުރުވުމާއެކު ވެސް ބައެއް އެހެނިހެން މުދަލާއި ހިދުމަތުގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން ފިޔާ، ބިސް އަލުވި، ލުނބޯ، ފަޅޯ، ދޮންކެޔޮ އަދި އިނގުރު ފަދަ ބާވަތްތަކުން ވަނީ އަގު ދަށްވެފަ އެވެ. މަހުގެ ބާވަތްތަކުގެ އަގު 3.8 ޕަސެންޓަ ދަށްވި އެވެ. މުއާސަލާތީ ހިދުމަތުގެ ބައިން އިންފްލޭޝަން ރޭޓް 1.23 ޕަސެންޓް ދަށް ވެފައިވާއިރު، އަންނައުނާއި ފައިވާނުގެ އަގުވެސް ދަށްވެފައިވާކަން ފާހަކޮށްލެވެ އެވެ.