ދުނިޔެ

ހިލަރީ ކްލިންޓަންގެ ބޮލުގައި ދެ ދަޅު: ޓައިމް މެގަޒިންގެ ކަވަރުން ފާހަގަކުރެވުނުތަ؟

އެއީ ޓައިމް މެގަޒިންގެ ސަގާފަތެކެވެ. އެމީހުންގެ ކަވަރުގައި ފީޗާކުރާ ކޮންޓްރޮވާސިއަލް ލީޑަރުންގެ ބޮލުގައި "ދަޅު ފެޅުވުމަކީ" ވަރަށް ދިގު ސަގާފަތެއް އޮތް ކަމެކެވެ.

ބޭރު ދުނިޔޭގެ ސުރުހީތަކަށް ބަލާއިރު މި ދުވަސްކޮޅު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއް މޫނަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި ކުރިން ޚާރިޖީ ވަޒީރުކަން ކުރެއްވި ހިލަރީ ކްލިންޓަނެވެ. ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން "ޚާރިޖީ ހޫނު ފެނަށް" ވެއްޓި، ފާޑުކިޔުން އަމާޒުވެފައި ވަނީ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ޚާރިޖިއްޔާގެ ރަސްމީ އީމެއިލްގެ ބަދަލުގައި ރަސްމީ ހުރިހާ މުއާމަލާތްތަކެއް އަމިއްލަ އީމެއިލް ބޭނުންކުރައްވައިގެން ނިންމެވިކަން ފަޅާ އެރުމާ ގުޅިގެންނެވެ.

މި ކަން ފަޅާއަރާފައި ވަނީ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރިއަށް އޮތް ރިއާސީ އިންތިހާބުގެ ރޭހަށް ހިލަރީ ނުކުމެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތްތަކެއް ވެސް އެކި ފަހަރުމަތިން ދެއްވައި އެކަން ވެސް ގާތްގަނޑަކަށް ކަށަވަރުވެފައި ވަނިކޮށެވެ.

ޓައިމް މެގަޒިންގެ ކަވަރުގައި ހިލަރީ ކްލިންޓަންގެ "ހިޔަންނެއް" ފީޗާކޮށް އޭގައި ދަޅު ފަޅުވާލާފައި ވަނީ މި ފޯރިގަނޑެއްގެ ތެރެއިންނެވެ. ބޭރު ގަނޑުގައި ދެން ލިޔެފައި ވަނީ "ދަ ކްލިންޓަން ވޭއި" މިހެންނެވެ.

ބޮލުގައި "ދަޅު ފަޅުވާފައިވާ" ކަމަށް ފެންނަނީ ކަވަރުގައި ބޭނުންކޮށްފައި ހުންނަ ފޮޓޯގެ ފަހަތަށް "ޓައިމް" ގެ ޓައިޓްލް އަކުރުތައް ލައިފައި ހުންނައިރު "އެމް" އަކުރުގެ ދެ ފައިގެ ދެ ކަށި، ފޮޓޯގައި ފެންނަ މީހާގެ ބޯ މަތިން ފެންނަން ހުންނަ ގޮތަށް ހަދާފައި ހުރުމުންނެވެ.

ޓައިމްގެ މިފަދަ މަޝްހޫރު ކަވަރުތަކަށް ބަލާލާއިރު، "ބޮލުގައި ދަޅު ފަޅުވާފައި" ހުންނަނީ "ނުލަފާ" ކަމަށް މަޝްހޫރު ލީޑަރުންގެ ފޮޓޯތައް ކަވަރު ގަނޑަށް އަރާއިރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އަދި އީރާނުގެ ރައީސް މަހްމޫދު އަހުމަދީނިޖާދު އާއި އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން އަދި އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ފޮޓޯ ފީޗާކޮށްފައިވާ ކަވަރުތައް ފާހަގަކޮށްލެވެ އެވެ.

ހާލަތާ ގުޅުވައިގެން "ޓައިމް" ގެ "އެމް" އަކުރު ބޭނުންކޮށްގެން މިފަދަ ލީޑަރުންގެ ބޮލުގައި މި މަޖައްލާ އިން "ދަޅުފެޅުވިޔަސް" މި މަޝްހޫރު "އެމް" އަކުރު އެހެން ގޮތްގޮތަށް ވެސް ބޭނުންކޮށްފައި އެބަހުއްޓެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ޕްރިންސް ޗާލްސްގެ ފޮޓޯއެއް 1978ގެ މެއި މަހުގެ ކަވަރުގައި ޖެހިއިރު "އެމް" އަކުރު އޭނާގެ ބޯ މަތިން ފެންނަނީ "ތަހުތެއް" ގެ ސިފައިގަ އެވެ. ބޭރުގަނޑުގައި ދެން ލިޔެފައި އޮތީ "ދަ މޭން ހޫ ވިލް ބީ ކިންގް" މިހެންނެވެ.

ފަހަރެއްގައި "ޓައިމް" ގެ މި މަޝްހޫރު ކަވަރަށް އެރުމަކީ ބަދުނަސީބެކެވެ. ޗާލްސް އެ ހުންނެވީ އަދިވެސް ތަހުތުގެ އިންތިޒާރުގަ އެވެ.