ދުނިޔެ

ކައިވެނިކުރަން އުޅުނު މީހާއަށް އެއްކޮށް ކަނޑަން ނޭނގުމުން އަންހެން ކުއްޖާ ފިލައިފި

އުއްތަރު ޕްރަދޭޝް (13 މާޗް) – ބޮލީވުޑްގެ ފިލްމުތަކުގައި ދައްކާ މެލޮޑްރާމާގެ މަންޒަރުތަކަކީ ހަގީގަތް ކަމަށް ގަބޫލުކުރަން ޖެހޭ ވަރުގެ ވާހަކަ އެކެވެ.

އުއްތަރު ޕްރަދޭޝް ގައި ކުރިއަށް ދިޔަ ކައިވެނީގެ ކުލަ ގަދަ ހަފުލާއެއް ހަރާބުވެ އަންހެން ކުއްޖާ ފިލައިގެން އެ ވާހަކަ މި އޮތީ ފަލަ ސުރުހީ އަށް އަރައިފަ އެވެ. ވީ ގޮތަކީ، ކައިވެނީގެ ހަފުލާގެ ތެރެއިން އަންހެން ކުއްޖާ، އޭނާއާ އިންނަން ތައްޔާރުވެގެން ހުރި ފިރިހެން މީހާ އަށް ދިން ހިސާބު ޓެސްޓުން އެ މީހާ ފެއިލްވީ އެވެ.

އަންހެން ކުއްޖާ ދިން ޓެސްޓަކީ "ފަނަރަ އަށް ހައެއް އެއްކުރީމަ ވަނީ ކިހާ ވަރެއްތޯ" އޭ ބުނެ ކުރި ފަސޭހަ ސުވާލެވެ. ނަމަވެސް މި ސުވާލަށް ޖަވާބު ދިނުން، އެ ފިރިހެން މީހާ އަށް އެހާ ފަސޭހަ ކަމަކަށް ނުވި އެވެ.

މައްސަލަ ހޫނުވީ އޭގެ ޖަވާބަކީ "17" ކަމަށް ފިރިހެން މީހާ ބުނުމުންނެވެ.

އެހިސާބުން އައި ރުޅީގައި މޫނު ކުނިކޮށްލައިގެން އަންހެން ކުއްޖާ ކައިވެނީގެ ހަފުލާ ދޫކޮށްލާފައި ނުކުމެގެން ދިޔައީ އެވެ. އެސޯސިއޭޓެޑް ޕްރެސް އަށް މި އަންހެން ކުއްޖާގެ ބައްޕަ މޯހަރު ސިންގް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކައިވެނިނުކުރެވެނީސް އެ ގުޅުން ރޫޅިގެން ދިޔައީ ފިރިހެން ކުއްޖާގެ އާއިލާ އިން އޭނާގެ ތައުލީމީ ފެންވަރު އޮޅުވާލުމުންނެވެ.

"އެ ސުވާލަކީ ގްރޭޑް އެކެއްގައި ކިޔަވާ ކުއްޖަކަށް ވެސް ޖަވާބު ދޭން އެނގޭނެ ސުވާލެއް،" ރުޅިގަދަވެފައި ހުރި ބައްޕަ ބުންޏެވެ.

މި ފަސޭހަ އެކަމަކު ހިތާމަވެރި އިމްތިހާނުން ފިރިހެން ކުއްޖާ ފެއިލްވުމުން ކައިވެނީގެ ހަފުލާ އަށް މީހުން ގެންދިޔަ ހުރިހައި ހަދިޔާތަކެއް ވެސް އެ ހަދިޔާތަކެއް ގެނައި ފަރާތްތަކާ އަނބުރާ ހަވާލުކުރީ އެވެ.

ކައިވެނީގެ ހަފުލާ ރޫޅާލުމަށް ފަހު އަންހެން ކުއްޖާ މިހާރު ހުރީ، ނަވަތަ ހިތުދަސް ފިރިހެނަކާ ބައްދަލުވަންދެން ހައްޕުކިޔައިގެންނެވެ.

އެހެންވީމަ އެންމެން އެކުގައި ވިދާޅުވާށެވެ. ފަނަރަ އަކަށް ހައެއް އެއްކުރީމަ ވާނީ 21 އެވެ. އަދި އެއްފަހަރު ވިދާޅުވާށެވެ.

ފަނަރައަކަށް ހައެއް އެއް ކުރީމަ ކިހާ ވަރެއް ހެއްޔެވެ؟