ފެނަކަ ކޯޕްރޭޝަން

ނުކުޅެދުންތެރި ފަރާތްތަކަށް އިތުރު ވަޒީފާތައް ހޯދައިދޭނަން: ފެނަކަ

Dec 25, 2016

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ވަޒީފާ ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތްކަށް ވަޒީފާ ހަމަޖައްސައިދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަދާކުރެވޭނެ ވަޒީފާތަކަކީ ކޮބައިތޯ ބަލައި އެ ވަޒީފާތައް އެކުދިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީކުރުމުގައި ފިހިން ކުލަ ޖައްސަމުންދަނީ ބޮޑެތި މީހުންނާއި ގާބިލް މީހުން އެކަނި ނޫން ކަމަށާއި ހަވާސާވެފައި އަދި ވީލް ޗެއާގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެ ފިހިން ކުލަ ޖެއްސުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކޮށްދޭންޖެހޭ ޒިންމާތައް އޮތީ ހަމައެކަނި ދައުލަތަށާއި، ވަކި ކުންފުންޏަކަށް އަދި ވަކި ފަރުދަކަށް ނޫން ކަމަށާއި އެކަމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް މުޅި މުޖުތުމައު ގަބޫލުކުރަން ޖެހޭ ކަމަށެވެ. ސަރުކާރާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ކަނޑައަޅަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް އަބުދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން ފަށާފައިވާ "އެއްވެސް މީހަކު ބާކީ ނުކުރުމު" ގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެސްޓީއޯ، އެމްޓީސީސީ، އާސަންދަ، އެންސްޕާ ފަދަ ސަރުކާރުގެ އޮފީސްތަކުން ނުކުޅެދުންތެރިކަން ހުންނަ ގިނަ އަދަދެއްގެ ބަޔަކަށް މީގެ ކުރިން ވެސް ވަނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހަމަޖައްސައިދީފަ އެވެ.

މިއަދު ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ހަމަޖއްސައިދިން ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދީފައިވާނީ އެފަރާތްތަކުގެ ހުނަރު ބެލުމަށްފަހު އެ ފަރާތްތަކާއި އެކަށީގެންވާ ވަޒީފާއެކެވެ.