ފެނަކަ ކޯޕްރޭޝަން

ތެޔޮ ގަންނަން ކުރާ ހޭދަ އަންނަ އަހަރު ކުޑަ ކުރާނަން: ފެނަކަ

Dec 25, 2016
1

ފެނަކައިން ތެޔޮ ގަންނަން ކުރާ ހޭދަ އަންނަ އަހަރު ކުޑަކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް އެ ކުންފުނިން ވަޒީފާ ހަމަޖައްސައިދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް އާދަމް ވިދާޅުވީ އެކުންފުންޏަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ހަރަދުވަނީ ރަށްރަށުގައި ހިންގާ އިންޖީނު ގެތަކަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށާއި އެ ހަރަދު ކުޑަ ކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ކުންފުންޏަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ހޭދަކުރަނީ އިންޖީނު ގެތަކަށް ބޭނުންވާ ތެޔޮ ގަތުމަށް. އެ ހަރަދު ކުޑަކުރަން އެބަޖެހޭ. އެހެންވީމަ މިހާރު މި އަންނަނީ އެ ހަރަދު ތިންބައިކުޅަ އެއް ބަޔަށް ކުޑަކުރާނެ ގޮތްތަކެއް ރާވަމުން. އަޅުގަނޑުމެން މިހާރުވާނީ އެކަމާ ގުޅޭ ދިރާސާއެއް ހަދާފައި." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ފެނަކައިން ދެމުން އަންނަ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުުރުމަށް ވެސް ޕްލޭންތަކެއް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ފަސް އަހަރުގެ ބިޒްނަސް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރަން އަޅުގަނޑުމެން މިހާރު މިދަނީ ފަސް އަހަރުގެ ބިޒްނަސް ޕްލޭނެއް ވެސް އެކުލަވައިލަމުން. އެގޮތުން މި ޕްލޭންގައި ކުންފުނީގެ ތަސައްވުރެއްގެ ގޮތުގައި ބަލާފައިވާނީ އަމިއްލަ ފައިމައްޗަށް ތެދުވެ އެންމެ އަސާސީ ހިދުމަތްތަކުން ފެށިގެން އެންމެ ފަހީ ވަސީލަތްތައް ވެސް ގާއިމްކުރެވޭ ފެންވަރުގެ ކުންފުންޏަކަށް ހެދުން" ޝަރީފް ވިދާޅުވި އެވެ.

އެގޮތުން މިހާރުވެސް އެކުންފުނިން ފަސް ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.