ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓިނާގެ ލިއޮނަލް މެސީ އެވެ. ނިމިދިޔަ އަހަރު ފުޓްބޯޅައިގެ އެންމެންނަށްވެސް ލިބުނު އެންމެ ބޮޑު ހައިރާން ކަމަކީ އުމުރުން 28 އަހަރުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓަލިކަން މެސީ އިއުލާން ކުރުމެވެ.
އެކަންވީ އެންމެންނަށް ވެސް ލިބުނު ޝޮކަކަށެވެ. ފުޓްބޯޅައިގެ އެންމެ ތޫނު ފިލި ކުޅުންތެރިޔާ ޒުވާން އުމުރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމެވެ. މެސީ ކުޅުން ހުއްޓާލީ ކޮޕާ އެމެރިކާގެ ފުޓްބޯޅަ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވި މެޗަށް ފަހު އެވެ. ދެހާސް ފަނަރަ ވަނަ އަހަރުވެސް އާޖެންޓީނާ ފައިނަލުގައި ބަލިވީ ޗިލީ އަތުންނެވެ.
ޖޫން މަހު 27 ގައި މެސީ ރިޓާޔަ ކުރިކަން އިއުލާން ކުރިިއިރު ފައިނަލުގައި ނާކާމިޔާބު ވީ މެސީ ޖެހި ޕެނަލްޓީވެސް ކާމިޔާބު ނުވުމުން ނެވެ.
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމުން މުޅި ދުނިޔެއަށް ހަމަހިމޭން ކަމާއެކު ފިކުރުގައި ތިއްބައި ދެން އިވުނީ ސިއްސައިގެން ދާ ކަހަލަ އެހެން ޚަބަރަކެވެ. ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުންދާ މެސީ ސްޕެއިންގެ ޓެކްސް އެތޯރިޓީ އަށް ބަރާބަރަށް ޓެކްސް ނުދައްކައި ޓެކްސް އަށް މަކަރު ހަދާ މައްސަލައިގައި ހަތަރު މަހަށް ޖަލަށް ލުމަށް ސްޕެއިންގެ ކޯޓަކުން ހުކުމް ކުރީއެވެ. ނަމަވެސް ޖަލު ހުކުމުގެ ތަންފީޒުން މެސީ ސަލާމަތްވީ ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ.
ކޮޕާ އެމެރިކާގެ ނާކާމިޔާބާއެކު އޭރު އާޖެންޓީނާގެ ކޯޗަކަށް ހުރި ޖަރާޑޯ މާޓިނޯ ވެސް ޓީމުން ވަކިވިއެވެ. ކޯޗަކަށް ދެން އައީ އެޑްގާޑޯ ބައުޒާ އެވެ. ބައުޒާގެ ފުރަތަމަ ޓާސްކަކީ މެސީ އަނބުރާ ގައުމީ ޓީމަށް ގެނައުމަށް އޭނާ އަށް ވިސްނައި ދިނުމެވެ.
ކޯޗު ކަމާ ހަވާލުވެ ފުރަތަމަ ހަފުތާ އަށްފަހު ބައުޒާ ސްޕެއިން އަށް ގޮސް ބާސެލޯނާގެ އޮފިޝަލުންނާ ބައްދަލު ކުރި އެވެ. ބާސެލޯނާ ގައި މެސީ އާއި އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ މެޝަރާނޯއާ ވެސް ބައްދަލު ކުރިއެވެ. ބައުޒާގެ ދަތުރަށްފަހު، އޯގަސްޓް މަހު މެސީ އޭނާގެ ނިންމުން ބަދަލު ކުރިއެވެ. އަދި އާޖެންޓީނާގެ ފުޓްބޯޅަ ޓީމަށް އަލުން ކުޅެން ފަށާނެ ކަން އިއުލާން ކޮށް އާޖެންޓީނާ އާއި އޭނާގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނުވިއެވެ.