ވިޔަފާރި

އާދީއްތަ ދުވަހު އެއާޕޯޓަށް 50 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓް

Dec 27, 2016
2

އާ އަހަރާ ދިމާކޮށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި 50 އަށްވުރެ ގިނަ ޖެޓް ޖައްސާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މި އަހަރުގެ އާ އަހަރާ ދިމާކޮށް ރާއްޖެއަށް އަންނަ މަހުޖަނުގެ ދަތުރުކުރާ 53 ޖެޓެއް އައިއެންއައޭގައި އޮންނާނެ ކަމަށެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ވަނީ އެއާޕޯޓުގައި މަތިންދާ ބޯޓު ޕާކު ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް، އޭޕްރަންގެ ޖާގަ ބޮޑުކޮށްފަ އެވެ. އަދި މި ބަދަލު ގެނެސްފައިވަނީ ޓޫރިޒަމްގެ ސީޒަންއާ ދިމާކޮށް އަންނަ ޕްރައިވެޓް ޖެޓުތައް ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން ޖެޓުތައް ރީޖަނަލް އެއާޕޯޓުތަކާއި އަވައްޓެރި ގައުމުތަކަށް ފޮނުވާލަން ޖެހޭތީ އެވެ.

އެމްއޭސީއެލް ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް "އަވަސް" އަށް ވިދާޅުވީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް އެއާޕޯޓުގައި ޕާކު ކުރެވުމަކީ ކުންފުނީގެ އާމްދަނީ ވެސް އިތުރު ވެގެންދާނެ ކަމެއް ކަމަށެވެ.

"އެހެން އަހަރުތަކުގައި ޖާގަ ނެތިގެން ޖެހެނީ ރީޖަނަލް އެއާޕޯޓުތަކާއި އެހެން ދިމަ ދިމާލަށް ފޮނުވަން. އެކަމަކު މިހާރު ޖެޓްތައް ޕާކު ކުރެވޭނެ ޖާގަ ވަނީ ހެދިފައި،" ހަސަން ވިދާޅުވި އެވެ.

ސަރުކާރުން ދަނީ އެއާޕޯޓް ތަރައްގީ ކުރުމަށް 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުގެ ދަށުން މުޅިން އާ ޕެސެންޖަރު ޓާމިނަލް އަކާއި އިތުރު ރަންވޭއެއް އަދި ފިއުލް ފާމެއްވެސް އަޅާނެ އެވެ. އަދި މި މަޝްރޫއުގެ ނިމޭއިރު އެއާޕޯޓު ހަ މިލިއަން ފަސިންޖަރުނަށް ހިދުމަތްދެވޭ ވަރުގެ ތަނަކަށް ބަދަލު ވެގެންދާނެ އެވެ.