ހަބަރު

އަންނަ ޑިސެމްބަރު މަހު އުމްރާއަށް ދާ ފަރާތްތައް ރަޖިސްްޓްރީ ކުރަން ހުޅުވާލައިފި

Dec 27, 2016

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އަންނަ އަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ 15 ދުވަހުގެ މި އުމްރާ ދަތުރުގައި މަސްޖިދުލްހަރަމާއި، މަސްޖިދުއް ނަބަވީ އަދި އިސްލާމީ ތާރީހާއި ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި އުމްރާ ދަތުރުގެ އަގަކީ 23،965 ރުފިޔާ އެވެ.

ހަތަރު މީހުންނަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕަކުން ރަޖިސްޓްރީ ކުރާނަމަ ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ކުޑަކުދިންނަށްވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އުމްރާއަށް ރަޖިސްޓްރީ ކުރުމާ ބެހޭ ފޯމް ހައްޖު ކޯޕަރޭޝަން އޮފީހުންނާއި އެ ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން އަދި އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ. ރަޖިސްޓްރީ ކުރާއިރު އެންމެ މަދުވެގެން 1،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. ބޭނުންނަމަ މަސްތަކަށް ބަހާލައިގެން ދެއްކޭނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެ އެވެ.

މި ޕެކޭޖުގެ ދަށުން ދެ އުމްރާ ކުރުމުގެ ފުރުސަތާއި އުމްރާގެ އަޅުކަމުގައި ބޭނުންވާނެ ހުރިހާ އެހީތެރިކަމާއި ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.