ހަބަރު

ނަޝީދުގެ ޝަރީއަތާ މެދު ޑީއޭޖީ ފާޑު ވިދާޅުވެއްޖެ

Mar 14, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިފައިނުވާ ކަމަށް ވިދާޅުވެ، ޑެޕިއުޓީ އެޓާނީ ޖެނެރަލް (ޑީއޭޖީ) އަހުމަދު އުޝާމް އެ ޝަރީއަތް ހިންގި ގޮތާ މެދު ފާޑު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދު 13 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމްގެ ތިމާގެ ބޭފުޅެއް ކަމަށްވާ، އުޝާމް ރޭ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެ ކަމަށާއި ނަމަވެސް ނަޝީދަށް ލިބުނީ އިންސާފުވެރި ޝަރީއަތެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އުޝާމް ވަނީ މިއަދުގެ ވަގުތެއްގައި އެ ސްޓޭޓަސް ޑެލިޓް ކުރުމަށް ފަހު އެކަމާ ގުޅޭ ތަފްސީލީ ސްޓޭޓަސްއެއް އާންމުކޮށްފަ އެވެ.

އެ ސްޓޭޓަސްގައި އޭނާ ވިދާޅުވެފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރު ކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށް، ރައީސް ނަޝީދުގެ ދުވަސްވަރު އޭޖީގެ އޮފީހުގެ ފަރާތުން ކޯޓުގައި ބުނެފައި ވާނެ ކަމަށެވެ. އަދި އެކަން މިހާރު ވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރި ފަރާތްތަކަށް އަދަބު ލިބެން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް އަދަބު ދިނުމުގައި، ޝަރީއަތުގައި ލިބެންޖެހޭ ހައްގުތަކެއް ނުދީ އިންސާފުން ބޭރުން އަދި ސުޕްރީމް ކޯޓުން ކަޑައެޅި އުސޫލުތަކާ ހިލާފަށް އެ ޝަރީއަތެއް ކުރިއަށް ގެންދިޔުން ގަބޫލެއް ނުކުރެވެ އެވެ. އަދި އިންސާފެއް ކަމަށް ނުދެކޭ ކަމަށް ވެސް ވަނީ ވިދާޅުވަ އެވެ.

"އެކަކަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ، އަނެއްކާގެ ހައްގުތައް ގެއްލޭ ގޮތަށް ކަންތައްތަކެއް ކުރުމަކީ އިންސާފެއް ނޫނެވެ،" އުޝާމް ފޭސްބުކްގައި ވިދާޅުވެފައިވެ އެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަނީ ރައީސެވެ. އުޝާމް އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އޭގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި އޭނާ އަކީ ޑެޕިއުޓީ ސޮލިސްޓާ ޖެނެރަލް އެވެ.