އެލްޖީއޭ

ތަރައްގީއާ ފައިނޭންޝަލް ޕްލޭންތައް ކައުންސިލްތަކުން އެލްޖީއޭއަށް ފޮނުވައިފި

Dec 27, 2016
2

ކުރިޔަށް އޮތް ފަސް އަހަރަށް ކައުންސިލްތަކުން ތައްޔާރު ކުރަން ޖެހޭ ތަރައްގީގެ 80 ޕްލޭންއާއި ފައިނޭޏްޝަލްގެ 56 ޕްލޭންއެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.

އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ތައްޔާރު ކުރަން ޖެހޭ ތަރައްގީ އާއި ފައިނޭންޝަލް ޕްލޭން އެލްޖީއޭ އަށް ފޮނުވަންޖެހޭ އެންމެ ފަހު ތާރީހު މިމަހު 12 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. އަދި އެ މުއްދަތު ތެރޭގައި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ފޮނުވާފައިވަނީ 10 އަތޮޅު ކައުންސިލަކުންނާއި 56 ރަށު ކައުންސިލަކުން ކަމަށާއި ތަރައްގީގެ ޕްލޭން ފޮނުވާފައި ވަނީ 14 އަތޮޅު ކައުންސިލަކުންނާއި 66 ރަށު ކައުންސިލަކުން ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި މުއްދަތު ފާއިތުވެދިޔައިރު އެއްވެސް ސިޓީ ކައުންސިލަކުން އެ ޕްލޭންތައް ފޮނުވާފައިނުވާ ކަން އެލްޖީއޭއިން ފާހަގަ ކުރި އެވެ.

ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 109 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ ކައުންސިލަކުން ވެސް ތަރައްގީގެ ޕްލޭން ތައްޔާރުކުރަން ލާޒިމްކުރެ އެވެ. އަދި ރަށު ތަރައްގީގެ ޕްލޭނާއި އިދާރީ ދާއިރާތަކުގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް ފަސް އަހަރުގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް އާއްމުކުރުމަކީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.