ވިޔަފާރި

މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް މަޑުޖެހުމެއް އަންނާނެ: ޓޫރިޒަމް

Mar 14, 2015

ދުނިޔޭގެ ޓޫރިޒަމް ވެސް ދަށްވެފައިވާތީ، މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް ވެސް ސްލޯ ކަމެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ދުނިޔޭގެ ދުނިޔޭގެ ޓޫރިޒަމަށް ކޮންމެ ވެސް ވަރެއްގެ ސްލޯ ކަމެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، މި ބަދަލު ރާއްޖެއަށް ވެސް އަންނާނެ ކަމަށެވެ. މި އަހަރު ރަޝިޔާ މާކެޓުގައި ވެސް މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

" ރަޝިޔާ މާކެޓުގައި އެބަހުރި މައްސަލަތަކެއް. ތެލުގެ އަގު ދަށްވުމާއި އެ ބޭފުޅުންގެ ސްޕެންޑިން ޕަވާ މިވަނީ ދަށްވެފަ. އަޅުގަނޑުމެންނަށް މި އައި އިފެކްޓް ޕީއާރު ފާމްތަކާ ޝެއާ ކުރަމުން މިދަނީ. ޔޫއެން ޑަބްލިއުޓީއޯގެ ޓްރެވަލް ޓެރެންޑް ވެސް މިހުރީ މި ގޮތަށް. މި އަހަރަކީ ތަންކޮޅެއް ސްލޯޑަރުން ވާނެ އަހަރަކަށް ވާނެ،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ ވެސް ބޫމްތަކާއި ސީޒަނަލް ބަދަލުތަކެއް އަންނަ ދާއިރާއެއް ކަމަށެވެ.

" މިދިޔަ އަހަރަކީ ވަރަށް ޕީކް އަހަރެއް. މި އަހަރު ތަންކޮޅެއް ސްލޯ ވެގެން ދަނީ،،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް ކޮންމެ ވެސް ވަރެއްގެ ސްލޯ ކަމެއް އަންނާނެ ކަމަށް ބެލެވޭތީ، ޕްރޮމޯޝަނަލް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

"ސްލޯވާ އަހަރުތަކުގައި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަން ވާނީ. އެހެންވެ އަމިއްލަ ފަރާތްތަކާ ވެސް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދާނަން،" އަދީބު ވިދާޅުވ އެވެ.