ސިނަ މާލެ ބްރިޖް

"ބްރިޖް ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ޖުލައިގައި ނިމޭނެ"

އަންނަ އަހަރު ޖުލައި މަހުގެ ތެރޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ހުރިހާ ތަނބަކަށް ކޮންކްރީޓު އެޅުމުގެ މަސައްކަތް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެ ކަނބަލުންނާއެކު ބްރިޖު ސައިޓަށް ވަޑައިގަތުމަށް ފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މައި ބްރިޖުގެ މަސައްކަތް އުޅެނީ ޝެޑިއުލްކޮށްފައިވާ ތާރީހަށްވުރެ ކުރީގައި ކަމަށާއި އެގޮތުން ފައުންޑޭޝަނަށް ބޭނުންވާ ހުރިހާ ޕައިލްއެއް މިހާރު ޖަހާ ނިންމާލާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހު މެއިން ބްރިޖުގެ ހުރިހާ ޕައިލްތަކާއި ތަނބުތަކަށް ކޮންކްރީޓު ނިންމާލާނެ ކަމަށެވެ.

"އަންނަ އަހަރު ޖުލައި މަހަށް ހުރިހާ ޕައިލްތަކުގެ ކޮންކްރީޓު ހުރިހާ ތަނބުތަކެއް ކޮންކްރީޓުކޮށް ނިމި ޕައިލް ކެޕްތައް އަޅާ ނިންމާނެ އަދި ހުޅުމާލެއާ މާލެ ކޮޅުން ވެސް އެޕްރޯޗް ބްރިޖުގެ ބޮޑުބައެއް ނިމޭނެ. ދެން އޮންނާނީ ބްރިޖުގެ ޑިޒައިންގަ ހުންނަ 'ވީ' ތައް ކޮންކްރީޓު ކުރުމުގެ މަސައްކަތް. އެހެންވެ އަންނަ އަހަރު ތެރޭގައި ބައިވަރު ކުރިއެރުންތައް ފެންނަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު ހައުސިން މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި މިއަދާ ހަމަޔަށް އެޕްރޯޗްގެ 32 ޕައިލްއެއްގެ ކޮންކްރީޓު ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މުއިއްޒު ވިދާޅުވީ އެގްރީމަންޓުގައި އޮތް ގޮތަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ބްރިޖުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެ އަހަރުގެ ޖުލައި 26 އަށް މަސައްކަތް ނިންމާ ހަވާލު ކުރާނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަން ދެއްވާ ކަމަށެވެ.

ބްރިޖުގެ ދިގު މިނުގައި 1.39 ކިލޯމީޓަރު ހުންނަ އިރު ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް އަރާނެ އެވެ. އަދި ފުޅާމިނުގައި ހުންނާނީ 20.3 މީޓަރެވެ. ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ދެ ލޭން އޮންނަ އިރު ސައިކަލް ދުއްވަން ވެސް އޮންނާނީ ދެ ލޭން އެކެވެ. އޭގެ އިތުރުން ބައިސްކަލު ދުއްވުމަށާއި ހިނގާ މީހުންނަށްވެސް ހާއްސަ ލޭނެއް ހަދާނެ އެވެ.

ބްރިޖްގެ މަސައްކަތް ނިންމާ 2018 ވަނަ އަހަރުގެ ޖުލައި 24 އަށް ބޭނުން ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި އެކަމަށްޓަކައި ސީސީސީސީ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާއި ބްރިޖުގެ މަސައްކަތް ނިމުމަށް ފަހު ތިން އަހަރު ވަންދެން މެއިންޓޭނަންސްގެ މަސައްކަތް ވެސް އެކުންފުނިން ކުރާނެ އެވެ.