ސިނަ މާލެ ބްރިޖް

ބްރިޖު ޓޮލް އާއި ޓްރެފިކް ސާވޭ ޖޫން މަހު ނިމޭނެ

ބްރިޖުގެ ޓްރެފިކް މެނޭޖު ކުރާ ޓޮލްގެ ނިޒާމާއި ޓްރެފިކް ސާވޭގެ މަސައްކަތް ކުރިޔަށް އޮތް ހަ މަސް ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު ރޭ ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޓޮލް ނިޒާމާއި ޓްރެފިކް ސާވޭއެއް ހަދަނީ ރައްކާތެރިކަމާއެކު ޓްރެފިކް މެނޭޖު ކުރުމަށް ކަމަށާއި އެ މަސައްކަތް ކުރުމަށް ބޭރުގެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނީގެ ނަމެއް ނުބުނެއެވެ.

އޭނާ ވިދާޅުވީ އެ ސާވޭތައް ހަދާ ނިމުމުން ސަރުކާރުގެ ޕޮލިސީ ލެވަލްގައި ނިންމަންޖެހޭ ނިންމުންތައް އެނގޭނެ ކަމަށާއި އެގޮތުން ކުރިޔަށް އޮތް ހަ މަސް ތެރޭގައި އެ މަސައްކަތް ނިންމޭނެ ކަމަށެވެ.

"ބްރިޖަށް އަރާ ފަރާތްތަަށް އެއްވެސް އުސޫލެއް ނެތި ދޫކޮށްލާފި ނަމަ އެ ވަރަށް ނުރައްކާތެރި ތަނަކަށް ވެދާނެ. އެހެންކަމުން ޓްރެފިކް މެނޭޖު ކުރުމަށް ޓަކައި ޓޮލް އާ ޓްރެފިކް ސާވޭ ހަދަން ޖެހޭ އެ މަސައްކަތް ނިމުނީމަ ސަރުކާރަށް މައުލޫމާތުތައް ހިއްސާކޮށް ޕޮލިސީ ލެވަލްގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާނެ. އޭގެ ފަހުން ކަނޑައެޅީގެން އެނގިގެން ދާނީ ކޮމާޝަލް ވެހިކަލްތަކުން އެކަނިތޯ އަގު ނެގޭނީ ނޫނީ އާންމުން ދުއްވާ ސައިކަލުތަކުން ވެސް އަގެއް ނެގޭނެތޯ،" މުއްތަލިބު ވިދާޅުވި އެވެ.

އެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭއިރު ބްރިޖުގެ ތަނބުތަކުގައި ކޮންކްރީޓު އެޅުމުގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނި ބުނެފައެވެ. އަދި ބްރިޖާ ނިމުމާއެކު މާލެ ހުޅުލެ އަދި ހުޅުމާލެ ގުޅޭގޮތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް ގާއިމް ކުރުމަށް އެ މިނިސްޓްރީއިން ވަނީ ނިންމާފަ އެވެ.