ތިމާވެށި

ކެޔޮދޫ އާއި އުކުޅަހުން ޕްލާސްޓިކް ކޮތަޅު މަދުކުރަން އާ އުކުޅެއް!

Dec 29, 2016
  • ކޮތަޅު ހިލޭ ދިނުން ހުއްޓާލާނެ
  • ދިރާގުން ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅު
  • މި ޕްރޮމްރާމުގައި ރައްޔިތުން ބައިވެރިވާނެ

ޕްލާސްޓިކް ކޮތަޅުން ތިމާވެށި ދަނީ ހަލާކު ވަމުންނެވެ. ރާއްޖޭގެ ޓޫރިޒަމަށް މީގެ ގެއްލުން ބޮޑެވެ. މިހެންވެ، ރާއްޖޭން ޕްލާސްޓިކް ކޮތަޅު މަދުކުރަން މަޖުބޫރެވެ. އެކަމަކު އެމަގަށް ދިއުމަށް އެހާ ބޮޑު މަސައްކަތެއް ނުކުރެވެ އެވެ. ނަމަވެސް ވ. ކެޔޮދޫ އާއި އއ. އުކުޅަހުން މިވަނީ ޕްލާސްޓިކް ކޮތަޅާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފަ އެވެ. މި ދެ ރަށުން އެކަމަށް ބޭނުންކުރާ އުކުޅު ވަރަށް ތަފާތެވެ. މި ފިޔަވަޅުގެ ދަށުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކެޔޮދޫ އާއި އުކުޅަހުގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ހިލޭ ނުލިބޭނެ އެވެ.

"ރަށަށް ޖަމާވާ ޕްލާސްޓިކް ކޮތަޅު މަދު ކުރުމުގެ ގޮތުން މި ފިޔަވަޅު އަޅަނީ. ކައުންސިލުން ނިންމާފައި ވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށުގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ހިލޭ ނުދޭން. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށުގެ ފިހާރަ ތަކުން ޕްލާސްޓިކް ކޮތަޅެއް ވިއްކާނީ ފަސް ރުފިޔާ އަށް،" ކެޔޮދޫ ކައުންސިލްގެ މެންބަރު ހުސެއިން ހާފިޒު ވިދާޅުވި އެވެ.

ކެޔޮދޫން މި ފިޔަވަޅު އަޅަނީ މޯލްޑިވްސް ގެޓަވޭސް އިން ހިންގާ "ބޭން ދަ ބޭގް" ކެމްޕޭނުގައި ބައިވެރިވެގެންނެވެ. މި ކެމްޕޭންގެ މަގްސަދަކީ 2020 އަންނަވާއިރަށް ރާއްޖެ އިން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމެވެ. ކެޔޮދޫއަކީ އާބާދީގައި 810 މީހުން އުޅޭ ރަށެވެ.

ކައުންސިލް މެންބަރު ވިދާޅުވީ މި ކެމްޕޭންގައި ރަށުގެ ހުރިހާ ރައްޔިތުންނާއި ވިޔަފާރިތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.

"ރަށުގެ ކޮންމެ މީހަކަށް ތިމާވެއްޓާއި ރަހުމަތްތެރި ކޮތަޅެއް ހިލޭ ދޭންން. މަގުސަދަކީ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ވިއްކުން ހުއްޓާލަން. އެކަމަކު، އެކަމަށް ވަގުތު ނަގާނެ. އެކަން ކުރުމާ ދިމާލަށް މި ދަނީ،" ހާފިޒު ވިދާޅުވި އެވެ.

މި ކޮތަޅުތައް ބަހަނީ ދިރާގުގެ ހާއްސަ އެހީތެރިކަމާއެކުގަ އެވެ. އެ ކުންފުނިން ދަނީ ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅު ހިލޭ ފޯރުކޮށްދެމުންނެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާ އަނެއް ރަށް ކަމަށްވާ އއ. އުކުޅަހު ކައުންސިލް މެންބަރު އަލީ ޒަމީރު ވިދާޅުވީ އެ ރަށުގެ ފިހާރަތަކުގައި ވެސް ޕްލާސްޓިކް ކޮތަޅު ވިއްކަން ފެށުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިގޮތުން ކޮތަޅެއް އެއް ރުފިޔާ އަށް ވިއްކަން މަޝްވަރާ ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިި އެވެ.

"އަޅުގަނޑުމެން މަގުސަދަކީ ރަށަށް ޖަމާވާ ކުނި މަދު ކުރުން. މި މަގުސަދުގައި މި ފިޔަވަޅު މި އަޅަނީ،" އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން އުކުޅަހު ކައުންސިލުން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު މުޅިރަށް ސާފު ކުރުމަށް ހާއްސަ މަސަައްކަތް ތަކެއް އެއްވަނަ ދުވަހު ކުރުމަށް ވެސް ނިންމާފަ އެވެ. މި މަސައްކަތަކީ އެ ރަށުގައި 2012 ވަނަ އަހަރުން ފެށިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ރަށު ތެރެ އާއި މޫދު ވެސް ސާފު ކުރާނެ އެވެ.

އުކުޅަހު ކައުންސިލް މެންބަރު އަލީ ވިދާޅުވީ އެ ރަށަށް ވެސް 1500 ކޮތަޅު ބަހަން ނިންމާފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް 66 މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެކޮށްފައިވެ އެވެ.