ޕީއެސްއެމް

"އެހެން ހިދުމަތްދޭ ވިޔަފާރި ކުންފުނިތަކުން ބްރޯޑްކާސްޓްކުރުމަކީ ނުރައްކަލެއް"

އެހެން ހިދުމަތްދޭ ބޮޑެތި ކުންފުނިތަކުން ވިޔަފާރީގެ އުސޫލުން ބްރޯޑްކާސްޓިންގެ ހިދުމަތް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ދީނީ ޓީވީ ޗެނަލް "މުންނާރު" ލޯންޗު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަނިކު ވިދާޅުވީ، ޓީވީ ޗެނަލެއް ހަދައި ހިދުމަތް ދިނުމަކީ ރާއްޖޭގައި އަގު ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ. ރައްޔިތުންނަށް ޓީވީގެ ހިދުމަތްދިނުމަށް، އަދި ހިލޭ ހިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ރައްޔިތުން މި ހިދުމަތް ހޯދަން ދުނިޔޭގެ ނިސްބަތުން ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"މިހެން މިކަން ދިމާވާންޖެހުނު އެންމެ ބޮޑު ސަބަބަކީ ޒަމާނުއްސުރެ ރާއްޖޭގައި ބްރޯޑްކާސްޓިންގެ ބައެއް ކަހަލަ ސިޔާސަތުތައް ބައްޓަންވެފައި އޮތް ގޮތުން. މިހާރު އޮތް ގާނޫނުގެ ތެރެއިންވެސް މިކަމަށް ހައްލު ހޯދޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ ކަމާބެހޭ މުއައްސަސާއިން މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އިލްތިމާސް ކުރަން،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ، މި ހިދުމަތް ދިނުމަކީ ދަތި އުނދަގޫ އަދި އަގު ބޮޑު މަސައްކަތަށްވާއިރު މިކަމުގެ ތެރެއަށް އެހެން ހިދުމަތްތައްދޭ ބޮޑެތި ކުންފުނިތައް ވަނުމަކީ މީޑިއާ ހައުސްތައް ބަލިކަށިވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ މި ކުޑަ ކުޑަ ގައުމުގައި ނުރައްކާތެރި އަދި މީޑިއާ ހައުސްތައް ބަލިކަށިވެގެންދާވަރުގެ ބޮޑު ކަމެއް، މި ކަމެއް ފަށައިގެ އުޅެނީ ގާނޫނުގެ ކޮން ފޮޅުވަތަކުން ކޮން އަކުރަކުން ކޮން ފިއްޔަކުން ބާރު ލިބިގެން ކަމެއް ދަންނަވާކަށް ނޭނގޭ، ސިޔާސަތު ބައްޓަން ކުރައްވާ ފަރާތްތަކުން މި ނުކުތާއަށް ސަމާލުވާންޖެހޭ،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ، ޕީއެސްއެމުން ކޭބަލް ޓީވީގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ޕީއެސްއެމްގެ އަމާޒަކީ މި ހިދުމަތް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑު ސާބިތު ކަމާއެކު ދަންނަވަން، އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ފުރިހަމަ ކުރާނީ ހޮޅީގެ ފަށާ ކޮޅު ވެސް ފަލަކޮށް ބާއްވައިގެން، ނިމޭކޮޅު ވެސް ފަލަކޮށް ބާއްވައިގެން، އެ ބޭފުޅަކު ޝައުގުވެރިވެ ވަޑައިގަންނަވާ މައުލޫމާތު ޖަމާކޮށްފައިވާ ޗެނަލް އެބޭފުޅަކު ވަޑައިގަންނަވާ ކޮންމެ ތާކަށް ފަސޭހައިން ގެންދެވޭނެ ގޮތަށް، އަގުގެ ގޮތުން އަތްލެވޭހާ ތުނިކޮށް، މައުލޫމާތުގެ ގޮތުން ފޫ ނުދާހާ ބޯކޮށް، މި މަސައްކަތުގައި ޕީއެސްއެމް ފަހެއް ނުޖެހޭނަން،" މަނިކު ވިދާޅުވި އެވެ.