ހަބަރު

ގައުމީ މަޖިލިސް ނިންމާލައި އެމްޑީޕީ މުޒާހަރާ އަށް ނުކުމެއްޖެ!

Mar 14, 2015
2

ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް، ޓެރަރިޒަމްގެ ކުށުގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި، ނަޝީދުގެ ދިފާއުގައި ގައުމީ ފެންވަރުގެ ހަޅުތާލަކަށް ނުކުތުމަށް އަޣުލަބިއްޔަތުން ފާސްކޮށް، މި މަޖިލިސް ނިންމާލުމާ އެކު މުޒާހަރާއަށް ނުކުމެއްޖެ އެވެ.  

 

މި މަޖިލީހުގެ ރިއާސަތުގައި ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެފައި ވަނީ މިރޭ ކުރާ މުޒާހަރާގައި ގައުމުގެ ސަލާމަތީ ބާރުތަކަށް އެމްޑީޕީގެ ސަފުތައް ރޫޅާނުލެވޭނެ ކަމަށެވެ. 

މި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނަނީ ނަޝީދުގެ މައްޗަށް އިއްވި ހުކުމަކީ ރައީސް އަބްދުﷲ ޔާމީންއާ އޮތް ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން ނަޝީދުގެ މައްޗަށް ފިލުވާލާފައިވާ ސިޔާސީ ހަސަދަގަނޑެއް ކަމަށާއި މިއީ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ އާއި އެންމެ މަގްބޫލު ސިޔާސީ ލީޑަރު ނައްތާލުމުގެ ބޭނުމުގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ ވެސް ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފަށް ކަމަށެވެ. އެއީ ޝަރީއަތުގެ މަރުހަލާގައި، ދިފާއުވުމުގެ ފުރިހަމަ އިހްތިޔާރު ނަޝީދަށް ފަހިކޮށް ނުދީ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވާއިރު މައްސަލަ ބެލި ފަނޑިޔާރުންގެ މަސްލަހާ ފުށުއަރާ ކަންތަކެއް ވެސް ޝަރީއަތުން ފާހަގަކުރެވިފައިވާތީ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އެއަށް ފަހު ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ހިންގި "ބޭއިންސާފު ޝަރީއަތް" އަދި އެމަނިކުފާނުގެ މައްޗަށް އިއްވި "ބޭއިންސާފު ނިޔާ" ބަލައިގަތުމަށް އާންމުންނާއި ދުނިޔެ ދެކޮޅުހަދާފައިވާތީ، ބޭއިންސާފު އަދަބުން ނަޝީދު ސަލާމަތްކުރުމަށް އިހުތިޖާދު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ނަޝީދުގެ ދިފާއުގައި ނުކުމެ ޕާޓީގެ އެންމެހައި މެމްބަރުންނާއި އެމްޑީޕީއާ ގުޅިފައިވާ އެހެން ޕާޓީތަކާއި ފަރާތްތައް އެކަތިގަނޑަކަށް ވެގެން ގައުމީ ފެންވަރުގައި މަދަނީ ބަސްނޭހުމުގެ މުޒާހަރާއެއް ހިންގުމަށް ގޮވާލާފައިވެ އެވެ.

ގަރާރުގައި ބުނަނީ މިއީ ގާނޫނު އަސާސީގައި ބުނާ ރައްޔިތުންގެ ސަރުކާރު ގާއިމުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ގަރާރުގައި ބުނެ އެވެ. އަދި ޝަރުއީ ނިޒާމާއި ކޯޓުތައް އިސްލާހުކުރުމުގެ ހަރަކާތެއް ކަމަށް ވެސް ބުނެފައިވެ އެވެ.