ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މަތިންދާބޯޓަށް އަރާ ސިޑިއެއްގައި ހެލިކޮޕްޓަރުޖެހި ދެމީހަކަށް އަނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަތިންދާބޯޓަށް އަރާ ސިޑިއެއްގައި ސިފައިންގެ ހެލިކޮޕްޓަރު ޖެހި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދު ހަވީރު ހިނގި މި އެކްސިޑެންޓްގައި އެއާޕޯޓްގެ ގްރައުންޑްގައި މަސައްކަތް ކުރި ދެ މީހަކަށް ވަނީ އަނިޔާވެފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެ ދެ މީހުންނަށް އަނިޔާވެފައިވަނީ އެނބުރެމުންދިޔަ ހެލިކޮޕްޓަރުގެ ފިޔަގަނޑުގައި އެ ސިޑި ޖެހުމުގެ ސަބަބުން ބުރައިގެން ދިޔަ އެއްޗަކުން އެ ދެ މީހުންގެ ގައިގައިޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދެ މީހުންނަކީ އެ ސިޑި ހަރުކޮށްފައިވާ އުޅަނދު ދުއްވަން ތިބި ދެ މީހުންނެވެ.

އެމްއެންޑީއެފުން އަނިޔާވި ދެ މީހުންނަށް ފަރުވާދެމުންދާއިރު އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ ހެލިކޮޕްޓަރަކީ ގއ. ވިލިގިނލިން ބަލި މީހަކު ގޮވައިގެން ވީއައިއޭއަށް ޖެއްސި ހެލިކަޕްޓަރެކެވެ.