ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ހެލިކޮޕްޓަރު އެކްސިޑެންޓްގައި ޒަހަމްވި އެކަކު ސީރިއަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަތިންދާބޯޓަށް އަރާ ސިޑިއެއްގައި ސިފައިންގެ ހެލިކޮޕްޓަރު ޖެހި، ޒަހަމްވި ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެކްސިޑެންޓްގައި ޒަހަމްވި މީހާއަށް މިހާރު ގެންދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ކަމަށައި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހާއަށް އަނިޔާވެފައިވަނީ، މައުލޫމާތު ލިބޭ ގޮތުގައި އެނބުރެމުންދިޔަ ހެލިކޮޕްޓަރުގެ ފިޔަގަނޑުގައި އެ ސިޑި ޖެހުމުގެ ސަބަބުން ބުރައިގެން ދިޔަ އެއްޗެއް އެމީހާގެ ބަނޑަށް ހެރުމުގެ ސަބަބުންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަނެއް މީހާއަށް މާބޮޑު އަނިޔާތަކެއް ލިބިފައިނުވެ އެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެއް ވެސް ނުވެ އެވެ. އަނިޔާވި ދެ މީހުންނަކީ އެ ސިޑި ހަރުކޮށްފައިވާ އުޅަނދު ދުއްވަން ތިބި ދެ މީހުންނެވެ. އެކްސިޑެންޓްވި ހެލިކޮޕްޓަރަކީ ގއ. ވިލިގިނލިން ބަލި މީހަކު ގޮވައިގެން ވީއައިއޭއަށް ޖެއްސި ހެލިކަޕްޓަރެކެވެ.

މިފަދަ ހާދިސާއެއް އެއާޕޯޓްގައި ހިނގި މިއީ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އެމްއެންޑީއެފްއަށެވެ. އެ ހެލިކޮޕްޓަރުގެ ބޭނުން ކުރަނީ ރެސްކިއު އޮޕަރޭޝަންތަކަށާއި ބަލި މީހުން އުފުލުމަށެވެ. މިހާރު ސަރުކާރުން ވަނީ ކޮމާޝަލް ހެލިކޮޕްޓަރު ދަތުރުތައް ހުއްދަ ދިނުމަށް ވެސް ނިންމާފަ އެވެ. އެކަން ހުއްޓާލީ ހެލިކޮޕްޓަރުގެ ގިނަ އެކްސިޑެންޓްތަކެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލުމުންނެވެ.