ދުނިޔެ

ތޫފާނެއްގައި ވަނުއަޓޫ ސުންނާފަތިވެއްޖެ

Mar 15, 2015

ޕެސިފިކް ކަނޑުގައި އޮންނަަ ޖަޒީރާ ގައުމެއް ކަމަށްވާ ވަނުއަޓޫ އަށް ހުކުރު ދުވަހު އެރި ތޫފާނަށް ފަހު އެ ގައުމުގެ ގިނަ މީހުން މިހާރު ވަނީ ގެދޮރު ގެއްލި މަގުމަތިވެފައި ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ވަނުއަޓޫގެ ރައީސް ބޮލްޑްވިން ލޮންޑްސްޑޭލް ޖަޕާނުގައި ހުންނަވައިގެން ބީބީސީ އަށް ވިދާޅުވެފައި ވަނީ ވެރިރަށް ޕޯޓް ވިލާގެ ގިނަ އިމާރާތްތައް ވަނީ ހަލާކުވެފައި ކަމަށެވެ. އޭނާ ވަނީ ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީ އަށް އެދިވަޑައިގެންފަ އެވެ.

ރެޑް ކްރޮސް އިން ވެސް ބުނީ ތޫފާނުގެ ސަބަބުން ބައެއް އަވަށްތައް ވަނީ ބިމާ ހަމަވެފައި ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ތޫފާނުގެ ސަަބަބަބުން، މަދުވެގެން އަށް މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު މިއަށްވުރެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ވަނުއަޓޫގެ 65 ރަށުގެ އާބާދީ 267000 އަށް އަރާއިރު ޕޯޓް ވިލާގައި 47000 މީހުން އުޅެ އެވެ.

ކެޓަގަރީ 5 ގެ މި ތޫފާނުގައި ގަޑިއަކު 270 ކިލޯމީޓަރަށް (ގަޑިއަކު 170 މޭލަށް) ވައި ޖެހުނެވެ.

އޮކްސްފަމް އޮސްޓްރޭލިއާ އިން ނެރުނު ބަޔާނެއްގައި ބުނީ ޕޯޓް ވިލާގެ އިމާރާތްތަކުގެ 90 ޕަސެންޓް ހަލާކުވެފައިވާ ކަމަށެވެ.