ދުނިޔެ

އިންޑިއާގައި ހަ މީހުންގެ ގްރޫޕަކުން 74 އަހަރުގެ އަންހެނަކު ރޭޕްކޮށްފި

Mar 15, 2015

އިންޑިއާގެ ވެސްޓް ބެންގަލްގައި ހުންނަ ކްރިސްޓިއަން ސްކޫލަކަށް ހަ މީހުންގެ ގްރޫޕެއް ވަދެ އެ ތަނުގައި އުޅޭ 74 އަހަރުގެ އަންހެން ފާދިރީއަކު ރޭޕްކޮށްފި އެވެ.

އުމުރުން ދުވަސްވީ މީހާ ރޭޕްކޮށްފައި ވަނީ އިއްޔެ ހެނދުނު ސްކޫލަށް ވަދެ ވައްކަން ކުރުމަށް ފަހު، މީހުން ނިދުމަށް ހާއްސަކޮށްފައިވާ ބައިގެ ތެރޭގަ އެވެ. ވަކިން ކޮޓަރިއެއްގެ ތެރެއަށް ވެއްދުމަށް ފަހު އެ މީހާ ރޭޕްކޮށްފައި ވާއިރު ލިބުނު އަނިޔާތަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ސްކޫލް ހިންގާ ފައްޅީގެ ފަރާތުން ވާހަކަ ދެއްކި ފާދިރީއަކު ބުނެފައި ވަނީ ސްކޫލް ތެރެއަށް ވަން މީހުންގެ މޫނު ސެކިއުރިޓީ ކެމެރާތަކަށް އަރާފައިވާ ކަމަށެވެ. އެތަނުގައި ތިބި ތިބި ތިން އަންހެނުންގެ ތެރެއިން އެކަކަށް ޖިންސީ ގޯނާކުރި ކަމަށާއި ގާޑުންނަށް ތިބި ދެ މީހުންގެ ގޮނޑިތަކުގައި ބަން ކަމަށް ވެސް ފާދިރީ ބުންޏެވެ.

ރޭޕްކުރި މީހުން ސްކޫލްގެ އެކި ތަންތަނުން ވައްކަންކޮށް، ފައްޅި އަށް ވަދެ އެތަނަށް ވެސް ގެއްލުން ދީފައިވާ ކަމަށްވެ އެވެ.

ފުލުހުން ބުނީ މިކަން ކުރި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ކްރިސްޓިއަނުން މަދު ސަރަހައްދެއްގަ އެވެ. އެ ސަރަހައްދުގެ މީހުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެ މީހުންނަށް ސަރުކާރުގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭ ކަމަށް ބުނެ މުޒާހަރާ ވެސް ކޮށްފަ އެވެ. --ބީބީސީ