މީރާ

ބިދޭސީން ރާއްޖޭން ބޭރުން ފައިސާ ނެގުމުން ޓެކްސް ނަގަން ފަށައިފި

Jan 3, 2017
1
  • ރާއްޖޭގައި އެއްލައްކަ އަށްވުރެ ގިނަ ބިދޭސީން
  • ނޮވެމްބަރު މަހު 6.8 މިލިއަން ރުފިޔާ ލިބުނު
  • ރެމިޓެންސް ނަގަނީ ތިން ޕަސެންޓް

ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓަކުން ބޭރުގައި ހުރެ ފައިސާ ނަގާނަމަ، ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނަގަން މި މަހު ފަށައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނީ ރާއްޖޭން ބޭރުން ނަގުދު ފައިސާ ނެގުމުގެ މުއާމަލާތް ތަކުން ރެމިޓެންސް ޓެކްސް ނެގުން ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީއެއް ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކުން ބޭރުން ނަގުދު ފައިސާ ނަގާ މުއާމަލާތްތަކުން ރެމިޓެންސް ޓެކްސް ނުނަގާ ދޫކޮށްލެވޭނެ އެންމެ ފަހު ތާރީހަކީ މިދިޔަ މަހުގެ ނިޔަލަށެވެ.

މީރާ އިން ބުނީ ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓަކުން ރާއްޖޭން އިން ބޭރުން ނަގުދު ފައިސާ ނަގާނަމަ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެމިޓެންސް ޓެކްސް ނެގުމަށް ހުރިހާ ބޭންކުތަކަށް ހަނދާން ކޮށްދޭ ކަމަށެވެ.

ރެމިޓެންސް ޓެކްސްއަކީ ރާއްޖޭން ބޭރަށް ބިދޭސީން ފޮނުވާ ފައިސާ އިން ނަގާ ޓެކުހެވެ. މި ޓެކުސް ނަގަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓެވެ. ރެމިޓެންސް ގާނޫނުގައިވާ ގޮތުން ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލު ނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު ވެސް ގާނޫނުގެ ދަށުން ލިބިދެ އެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ރެމިޓެންސް ޓެކުހުގެ ގޮތުގައި ދައުލަތަށް 6.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 150000 ބިދޭސީން އުޅެ އެވެ. އަދި މީގެތެރޭގައި 20،000 މީހުންނަކީ ރާއްޖޭގައި ގަވާއިިދާ ހިލާފަށް މަސައްކަތް ކުރާމީހުންނެވެ.