ވިޔަފާރި

ވިޔަފާރިއާ ގުޅޭ މުއައްސަސާތައް އެއް ނިޒާމަކުން ގުޅާލަނީ

ވިޔަފާރިއާ ގުޅޭ ހުރިހާ މުއައްސަސާއެއް އެއް ވިންޑޯއަކުން ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ އެމްޕީއެލްގެ ބަނދަރުތަކާއި، ކަސްޓަމާއި ބޯޑާ ކްލިއަރަންސްގެ އިތުރުން އެއާޕޯޓުތައް އެއް ވިންޑޯއަކުން ގުޅާލާނެ ވިއުގައެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް ކަސްޓަމްސްގައި ސިންގަލް ވިންޑޯ ސިސްޓަމްއެއް ގާއިމްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ލުއި ފަސޭހަކަން ގެނެސްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އެބަދޭ. އެގޮތުން އެމްޕީއެލްއާ ޕޯޓްސްއާ ކަސްޓަމްސްއާ އެއާޕޯޓާ ބޯޑް އޮފް ކްލިއަރަންސް އިކޮނޮމިކް މިނިސްޓްރީއާ ގުޅުން ހުރިހާ ތަންތަނެއް ގުޅާލައިދޭ އެއް ވަސީލަތެއް ގާއިމް ކުރަމުން މި އަންނަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އެކި ވުޒާރާތަކުގައި ވިޔަފާރިއާ ގުޅުންހުރި އުނދަގޫތައް ނެތި ދިޔުމުން ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ވާނެ ކަމަށާއި އެގޮތުން މި އަހަރު ނިމެންވާ އިރަށް 31 ޑޮކިއުމަންޓެއް އުވާލައްވާނެ ކަމަށެވެ. ނަމަވެސް އުވާލަން ނިންމާފައި ވަނީ ކޮން ޑޮކިއުމަންޓުތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.