ޗައިނާ

ޗައިނާ ޓޫރިސްޓުން އިތުރުކުރަން ސަފީރުގެ އިރުޝާދު

Jan 4, 2017
1
  • މުހިންމީ ޗައިނާގެ ގައުމީ އެއާލައިންގެ ސީދާ ދަރު
  • ވިސްނަންވީ ޗައިނާ މާކެޓްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތް
  • ރާއްޖެ ޓޫރިޒަމް ހަރުދަނާކުރަން ޗައިނާ މާކެޓް މުހިންމު

ވިދި ވިދިގެން ހަތް އަހަރު ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ލަގަބު ޗައިނާ އަށް ލިބިފައި ވީނަމަވެސް، އަހަރުން އަހަރަށް އެ އަދަދު މަދުވަމުންދާ ދިޔުން ހުއްޓުމަކަށް ގެނެސް، އެ އަދަދު އެތައް މިލިއަނަކުން އިތުރު ކުރަން ކުރެވިދާނެ ބައެއް ކަންތައްތައް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ފޫކެންގް މިއަދު ހިއްސާކުރައްވައިފި އެވެ.

"ކޮންމެ އަހަރަކު 100 މިލިއަން ޗައިނާ ރައްޔިތުން ބޭރުގެ އެކި ގައުމުތަކުގައި ޗުއްޓީ ހޭދަކުރޭ. އެކަމަކު މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާ ޓޫރިސްޓުން އަދަދު ވަނީ މަދުވެފަ. އެހެން ވީމަ އަޅުގަނޑުމެން ވިސްނަންވީ ޗައިނާ މާކެޓްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތްތައް. މިދިޔަ އަހަރު ޖަޕާނަށް ދިޔަ ޗައިނާ ޓޫރިސްޓުންގެ އަދަދަކީ ފަސް މިލިއަން. ސައުތު ކޮރެއާ އަށް 9.8 މިލިއަން ޗައިނާ ޓޫރިސްޓުން ޒިޔާރަތްކުރި. އަދި އިންޑޮނީޝިއާގެ ބާލީ އަށް ދިޔަ މީހުން 700،000 އަށް ވުރެ ގިނަ،" ޗައިނާ މާކެޓުގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލި އަޅުވާލައްވަމުން، ސަފީރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއާ ބާލީ އަޅާވެސް ކިޔޭކަށްނެތް. އެހެންވީމަ ކީއްވެތޯ އެހާ ގިނަ ޗައިނާ ޓޫރިސްޓުން ބާލީ ހިޔާރު ކުރަނީ!"

އެންމެ ބޮޑު އެއް ތަފާތަކީ އެހެން ގިނަ ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ އަގުތައް ބޮޑުވުން ކަމުގައި ސަފީރު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ނަމަވެސް، އަގު ބޮޑުވުމަކީ ވެސް ރާއްޖޭއަށް ހާއްސަ ކަމެއް ކަމަށާއި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއް ކަމުގައި ގިނަ މީހުން ބަލައިގަންނަ ކަމަށް ސަފީރު ވިދާޅުވި އެވެ.

"އެއް ކަމަކީ ރާއްޖެ އާ އަޅާބަލާއިރު ބަލީ މާ އަގު ހެޔޮ. އެކަމަކު އެންމެ ބޮޑު ތަފާތަކީ، ޓޫރިޒަމް ޕްރޮމޯޝަން ކުރާ ގޮތް. ޗައިނާގެ އިގްތިސޯދު ރަނގަޅުވާ ވަރަކަށް އާދައިގެ މީހުންނަށް ރާއްޖެއަށް އާދެވޭނެ،" ޗައިނާ އެމްބަސީގައި މިދިޔަ އަހަރާއި އަންނަ އަހަރަށް ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން ކުރެވޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ހަފްލާގައި ސަފީރު ފާހަގަ ކުރެއްވި އެވެ.

ސަފީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހިންގާ ރިސޯޓްތައް އިތުރުވުމުން އަގުތައް ދަށްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެެވެ.

"މިހާރު ގާތްގަނޑަކަށް 120 ރިސޯޓް އެބަ އޮތް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ އަދަދު 300 އަށް އަރާއިރު އަގުތައް ވެސް ކޮންމެވެސް ވަރަކަށް ދަށްވާނެ. އެއީ މާކެޓްގައި ވާދަވެރިން އިތުރުވީމަ، އޭގެ މަންފާ ޓޫރިސްޓުންނަށް ކުރާނެ."

އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭންވީ ޗައިނާގެ ގައުމީ އެއާލައިންސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށުން ކަމުގައި ވެސް ސަފީރު ފާހަގަ ކުރެއްވި އެވެ. ސަފީރު ވިދާޅުވި ގޮތުގައި މިހާރު ވެސް 13 ފްލައިޓެއް ސީދާ ރާއްޖެއަށް ދަތުރުކުރި ނަމަވެސް އެ ހުރިހާ ފްލައިޓުތަކަކީ ޗާޓަރު ފްލައިޓްތައް ކަމަށެވެ.

"ބެއިޖިންގް ގައި 20 މިލިއަން މީހުން ދިރިއުޅޭ. އޭގެ ތެރެއިން ކޮންމެ މީހަކު އެންމެ ފަހަރަކު ޒިޔާރަތް ކުރިޔަސް ކުރިއަށް ފަސް އަހަރަށް ރާއްޖޭން ޓޫރިސްޓުން ގެންނަން ބޭނުންވާ އަދަދަށް ވާސިލްވެވޭނެ،" ފޫކޭންގް ވިދާޅުވިއެވެ.

"ރާއްޖޭގެ ޓޫރިޒަމާއި އިގްތިސާދު ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ޗައިނާ ޓޫރިސްޓުންނަށް ވަރަށް ބޮޑު ރޯލެއް އަދާކުރެވޭނެ ފުރުސަތު އެބަ އޮތް،"