ދުންޔާ މައުމޫން

ދުންޔާއަށް ހެލްތުގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަބްދުލް ގައްޔޫމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިއަދު ދެއްވައިފި އެވެ.

ދުންޔާ މައުމޫނަކީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ދުންޔާ އިސްތިއުފާ ދެއްވީ، މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ހިޔާލު ތަފާތުވެގެން ކަމަށް އެކަމަނާ ވިދާޅުވެފައިވެ އެވެ. އިސްތިއުފާ ދެއްވިއިރު، އެކަމަނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސަރުކާރާ ދެމެދު ވަނީ ހިޔާލު ތަފާތުވެފައެވެ. އަދި އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ވަނީ މި ސަރުކާރަށް ކުރައްވާ ތާއީދު ވެސް އޭގެ ފަހުން ގެންދަވާފަ އެވެ.

އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ދުންޔާ ފާޑުވިދާޅުވި ނަމަވެސް އިސްތިއުފާއަށްފަހު ވެސް ސަރުކާރުގެ ބައެއް ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ދުންޔާ މައުމޫން ވަނީ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭގެ އިތުރުން އދ. ގައި ރާއްޖެ ތަމްސީލުކުރައްވާ އިސް މަގާމުތައް ވެސް ދުންޔާ ފުރުއްވާފައިވެ އެވެ.

ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގަތުމުން އެކަމަނާއާ އެއްމާނބަނޑު ޔުމްނާ މައުމޫން މިއަދު ވިދާޅުވީ ދުންޔާ ނިންމެވީ އަމިއްލަ ނިންމެވުމެއް ކަމަށާއި އޭނާ ހުންނަވާނީ ރައީސް މައުމޫނާއެކުގައި ކަމަށެވެ.

ދުންޔާއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވި އިރު އެކަމަނާގެ ކޮއްކޯފުޅު ޣައްސާނު މައުމޫން މިވަގުތުވެސް ހުންނެވީ ސަރުކާރުގަ އެވެ.