ދުންޔާ މައުމޫން

ސަރުކާރާ ގުޅިވަަޑައިގެންނެވި ސަބަބު ދުންޔާ ހާމަކުރައްވައިފި

ސަރުކާރުގެ މަގާމެއް އަލުން ގަބޫލުފުޅު ކުރެއްވީ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވަން ތައްޔާރަށް ހުންނެވުމުން ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. ދުންޔާ ވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް މިއަދު އައްޔަންކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރުކަމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު މިއަދު އަލުން ސަރުކާރާ ގުޅިވަޑައިގަތުމަށްފަހު ދުންޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސަރުކާރުގެ މަގާމު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށާއި ރައްޔިތުންނަށް ހިދުމަތްކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމުން އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެއީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ދުންޔާގެ އެއްމާނބަނޑު ޔުމްނާ މައުމޫން ވެސް މިއަދު ވިދާޅުވީ ދުންޔާ ނިންމެވީ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވެފަ އެވެ.

ދުންޔާއެކު ކެބިނެޓުން އިސްތިއުފާ ދެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމުން ލިބި ވަޑައިގަތީ ކުއްލި ޝޮކެއް ކަމަށެވެ. ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގަތަސް ފަހަތް ބެލުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ދުންޔާއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވި އިރު އެކަމަނާގެ ކޮއްކޯފުޅު ޣައްސާނު މައުމޫން މިވަގުތު ވެސް ހުންނެވީ ސަރުކާރުގަ އެވެ. އެހެނަސް ދުންޔާގެ ބޭބެފުޅު ފާރިސް މައުމޫން އާއި ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.