ޗައިނާ

ރާއްޖޭގެ މަޝްރޫއުތަކަށް ލަސްނުކޮށް އެހީ ދޭނަން: އޭއައިއައިބީ

Jan 5, 2017

ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ރާއްޖެއަށް އެހީ ފޯރުކޮށްދޭނެ ކަމަށާއި، މި އަހަރު ތެރޭގައިވެސް ބެންކުގެ އެހީތެރިކަމާއެކު ބައެއް މަޝްރޫއު ފެށިގެންދާން އުންމީދު ކުރައްވާކަމަށް ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ރައީސް ޖިން ލީކުން ވިދާޅުވެއްޖެ އެވެ.

ޖިން މިހެން ވިދާޅުވީ، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ބެންކުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖެއިން އެންމެ އަވަހަށް ކުރިއަށްގެންދަން ބޭނުންވާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު އެ ބޭންކާއި ހިއްސާކޮށް، އެ ބޭންކުގެ އެހީތެރިކަމަށް އެދި ރާއްޖެއިން ކޮށްފައިވާ ރިކުއެސްޓްތަކާ ބެހޭގޮތުން އޮޅުން ފިލުވައި ދެއްވާ މަޝްވަރާކުރައްވާފަ އެވެ. ޖިން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެ ބޭންކުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ޕްރެޒިޑެންޓް ޖިން ވަނީ މަޝްރޫއުތަކަށް އެހީތެރިވުމުގައި އޭއައިއައިބީގެ ފުރިހަމަ ސަޕޯޓް ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައި، ބައެއް މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ވެސް ފެށޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭއައިއައިބީ އަކީ ގައުމުތަކުގެ މެދުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ އަދި އެއް ގައުމު އަނެއް ގައުމާ ގުޅުވައިދިނުމަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސް ނެންގެވުމަކަށް އުފައްދާފައިވާ މަލްޓިލެޓަރަލް ޑިވެލޮޕްމެންޓް ބޭންކުތަކަށް އެހީތެރިވުމަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުފެއްދި ފައިނޭންސިންގް ބޭންކެކެވެ. ރާއްޖެއަކީ ވެސް އެ ބެންކުގެ ފައުންޑިން މެންބަރެކެވެ. ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަކީ އެ ބެންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްވެސްމެ އެވެ.