ހަބަރު

މިނިސްޓަރު ޖަލީލުގެ ޝަރީއަތް މާދަމާ ރެއަށް ތާވަލްކޮށްފި

Mar 15, 2015

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އޭރުގެ ޗީފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

އެ މައްސަލައިގައި ޖަލީލުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ ރޭ 8:00 އަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޖަލީލުގެ މައްޗަށް ކުރާ ދައުވާގައި މިހާރު ކުރިއަށް ގެންދަނީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. މިހާތަނަށް ހެކިބަސް ދިން ގިނަ މީހުން ވެސް ޖަލީލާ އެއްކޮޅަށް ހެކިބަސް ދިންއިރު އޭގެ ތެރޭގައި ސިފައިންގެ އޮފިސަރުން ހިމެނެ އެވެ.

ޖަލީލުގެ ޝަރީއަތް މާދަމާ ރޭ ބާއްވާއިރު އެ މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުވާތީ އެމަނިކުފާނު 13 އަހަރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.