ހަބަރު

ބަންދުގެ އަމުރުތަކުގެ ޝަރީޢަތް ހުޅުވާލައި ނުލުމަކީ ހައިކޯޓްގެ ބާރެއް ނޫން: އެމްޑީޕީ

Mar 15, 2015

ބަންދުގެ އަމުރުތަކުގެ މައްސަލަތަކުގެ ޝަރީޢަތް ހުޅުވާލައިގެން ނުބާއްވަން ހައިކޯޓުގެ ފަނޑިޔާރުންނަށް މުތުލަގު އިޚްތިޔާރީ ބާރެއް ލިބިފައިނުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ބާތިކޮށްލުމުންނެވެ. ކޯޓުން މައްސަލަ އެ މައްސަލަ ބޭރުކޮށްލީ ރައީސް ނަޝީދު އެމައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވެވަޑައިގެން ޝަރީއަތަށް ވަދެ ވަޑައިގަތުމަށް އިންކާރު ކުރެއްވުމުންނެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ ފަރާތުން އެދުނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޢާންމުކޮށް ހުޅުވާލެވޭ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވައި ދިނުމަށް ކަމަށައި ނަމަވެސް ބަންދު އަމުރުގެ މައްސަލަތަކުގައި ޢާންމުކޮށް ހުޅުވާލެވޭ ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވޭނެ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ހައިކޯޓުން އެހެން ނިންމި ނަމަވެސް ބަންދުގެ އަމުރުތަކުގެ މައްސަލަތަކުގެ ޝަރީޢަތް ޢާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް އިޚްތިޔާރީ ބާރެއް ލިބިފައިނުވާނެ ކަމަށެވެ.