އިނގިރޭސި ފުޓްބޯޅަ ލެޖެންޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ބޮބީ ޗާލްޓަން އެ ކުލަބުގައި ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑާ ވޭން ރޫނީ އަރާ ހަމަ ކޮށްފި އެވެ.
ޔުނައިޓަޑްގައި ޗާލްޓަން ހެދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޫނީ ހަމަ ކުރީ އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ރައުންޑްގައި މިއަދު ރޭޑިން ކޮޅަށް ޖެހި ލަނޑުން ނެވެ. މިއީ ޔުނައިޓަޑަށް ރޫނީ ޖަހައިދިން 249 ވަނަ ލަނޑެވެ.
ނަވާރަސަތޭކަ ފަންސާސް ހަ ވަނަ އަހަރު ޔުނައިޓަޑާ ގުޅުނު ޗާލްޓަން އެ ރެކޯޑް ހެދީ 17 އަހަރު ތެރޭގަ އެވެ. ނަމަވެސް ރޫނީ އެ ރެކޯޑާ އެއްވަރު ކުރީ 13 އަހަރު ތެރޭގަ އެވެ. ރޫނީ ޔުނައިޓަށް ބަދަލުވީ 2004 ވަނަ އަހަރު އެވެ.
މިއީ ޔުނައިޓަޑަށް ރޫނީ ގުޅުނު ފަހުން ވެސް ނިސްބަތުން އޭނާ އަށް އެންމެ މަދުން ލަނޑުޖެހޭ ސީޒަނެވެ. މި ސީޒަންގައި މިހާތަނަށް އޭނާ އަށް ކާމިޔާބު ކުރެވުނީ ހަތަރު ލަނޑެވެ.
މީގެ ކުރިން އޭނާ ޖެހި 248 ލަނޑުގެ ތެރެއިން 194 ލަނޑު ޖަހާފައި ވަނީ ޕްރިމިއާ ލީގް ގައެވެ. އެއީ 381 މެޗް ފުރިހަމަ ކޮށްގެން ނެވެ. އެފްއޭ ކަޕްގައި ކުޅުނު 39 މެޗްގައި ޖަހާފައި ވަނީ 22 ލަނޑެވެ. ލީގް ކަޕްގެ 17 މެޗްގައި ޖަހާފައި ވަނީ ފަސް ލަނޑެވެ. ޔޫރަޕްގެ ކުލަބު މުބާރާތް ތަކުގައި 95 މެޗްގައި 39 ލަނޑެވެ. ކުލަބު ވޯލްޑް ކަޕްގެ ދެ މެޗްގައި ޖަހާފައިވަނީ ތިން ލަނޑެވެ. އަދި ކުޅުނު ފަސް ކޮމިޔުނިޓީ ޝީލްޑް މެޗް ކޮންމެ މެޗެއްގައި ވެސް ވަނީ ލަނޑެއް ޖަހާފަ އެވެ.
ރޫނީ އަކީ އިނގިރޭސި ގައުމީ ޓީމުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން އެ ރެކޯޑްވެސް އޮންނަނީ ޗާލްޓަން އަތުގަ އެވެ. އޭނާ ވަނީ 119 މިނެޓުން 53 ލަނޑު ޖަހާފަ އެވެ.