ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ވީއައިއޭގައި ދަތުރުވެރިންނަށް ޑޮލަރު ދޫކުރަން ފަށައިފި

Jan 8, 2017
  • އޮންލައިން ޑޮލަރު ބުކިންގެ ތަރުހީބު ބޮޑު
  • ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ބޯނަސްއަށް 100 ޑޮލަރު
  • ހާއްސަ އެހީގެ ދަތުރުވެރިންނަށް އިސްކަން ދޭނެ

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އަލަށް ތައާރަފްކުރި އޮންލައިން ބުކިން ނިޒާމުގެ ދަށުން މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރު ދޫކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި ފުރުމުގެ ކުރިން އެއާޕޯޓުން ޑޮލަރު ނެގޭނެ އެވެ.

އާ ނިޒާމަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ބޭންކުން ވަނީ މި ނިޒާމް ބޭނުންކޮށްގެން ޑޮލަރު ނަގާ ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ބޯނަސް ގިފްޓެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިޔަކަށް 100 ޑޮލަރު ދޭނެކަން އިއުލާންކޮށްފައެވެ. އަދި ބޭންކުން ވަނީ ދަތުރުވެރިންނަށް ޑޮލަރު ދޫކުރުމަށް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ވެފައިވާ ތައްޔާރީތަކާބެހޭ ވީޑިއޯއެއް ދައްކާލާފައެވެ.

މިވީޑިއޯގައި ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވާ ދަތުރުވެރިންނަށް ލަސްނުވެ ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްގެން ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ކައުންޓަރުތައް ދައްކާލާފައިވެއެވެ.

ބޭންކުން އަލަށް ތައާރަފްކުރި ނިޒާމަށް ބަދަލުވުމުގެ މަރުހަލާ ފަސޭހަކުރުމަށްޓަކައި އެމްއެމްއޭ އިން މިއަދާއި މާދަމާވެސް ޑޮލަރު ވިއްކަމުން ގެންދާނެއެވެ. އޭގެ ފަހުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުންދާނީ ހަމައެކަނި ބީއެމްއެލްއިންނެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްް ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެއެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެއެވެ.

ޑޮލަރު ވިއްކުމަށް ގެނައި ބަދަލާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި އެމްއެމްއޭ ގުޅިގެން ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގައި ދަނީ މައުލޫމާތު ދެމުންނެވެ.

ބޭންކުން އިލްތިމާސްކުރާ ކަންކަން

  • ފުރަން ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް ކުރިން ފެށިގެން ޑޮލަރު ގަތުމަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވޭނެ
  • ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ އަށް ގަޑިއިރު ކުރިން ބުކިން ހަދަންވާނެ
  • ޑޮލަރު ދޫކުރާ ގަޑީގައި އދަތިކަމެއް ކުރިމަތިވިޔަ ނުދޭން ބުކިން ހަދާގަޑީގައި ދޭ މައުލޫމާތަކީ ޔަގީން ކުރުން
  • ކޮންފާމްކޮށްފައިވާ ބުކިން އަކަށް ބަދަލެއް ގެންނަ ނަމަ 3330200 އަށް ގުޅުން

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ، އެންޑްރޫ ހީލީ ވިދާޅުވީ މިއީ އަދި މިކަމުގެ ފުރަތަމަ ދުވަސްކޮޅު ނަމަވެސް އޮންލައިން ބުކިން ނިޒާމަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާ މެދު ވަރަށް ހިތްހަމަޖި ވަޑައިގަންނަވާ ކަމަށެވެ.

"ހަފްތާ ބަންދުގައި މި ސިސްޓަމް ލައިވްވެ، ފުރަތަމަ ބުކިން ހެއްދި ދަތުރުވެރިން މިއަދު ފުރާނެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ މުވައްޒަފުން ތިބޭނީ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ކައުންޓަރުތަކުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް،"