ރޭ ސްޕެނިޝް ލީގްގައި ވިޔަރެއާލް އަތުން އެއްވަރުވުމުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ތާވަލުގެ ތިން ވަނަ އަށް ވެއްޓިއްޖެ އެވެ.
ސްޕެނިޝް ކަޕްގައި އެތުލެޓިކް ބިލްބާއޯ އަތުން ވީ ބައްޔާއެކު ރޭ ގެ މެޗަށް ނުކުތް ބާސާ ބަލިވާން ދަނިކޮށް އެ ޓީމަށް މެޗުން ޕޮއިންޓެއް ކަށަވަރު ކޮށް ދިނީ މެޗުގެ ފަހު ވަގުތުގައި ލިއޮނަލް މެސީ ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑުން ނެވެ.
ދެ ވަނައިގައި އޮތް ބާސާ ތިން ވަަނަ އަށް ވެއްޓުނީ ކުރިން ތިން ވަނައިގައި އޮތް ސެވިއްޔާ ރޭ ރެއާލް ސޮސިއަދާދު އަތުން 4-0 ގެ ނަތީޖާ އަކުން މޮޅުވުމުން ނެވެ. ސެވިއްޔާއާ ބާސާއާ ދެމެދު ޕޮއިންޓެއްގެ ފަރަގު އެބަހުއްޓެވެ. ސެވިއްޔާ އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ބާސާ އަށް 35 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް އޮތީ 40 ޕޮއިންޓާއެކު ހަތަރު ޕޮއިންޓްގެ ލީޑެއް ގައެވެ.
ބާސާއާ ވިޔަރެއާލް ކުޅުނު މެޗްގައި މެޗްގެ 50 ވަނަ މިނެޓްގައި ވިޔާރެއާލް އަށް ލީޑް ނަގައިދިނީ ނިކޮލާ ސަންސޯން އެވެ. އޭނާ މި ލަނޑު ޖެހީ ސެންޓަ ސާކަލް ތެރެއިން އެލެގްޒެންޑްރޭ ޕަޓޯ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާއާ ހަމައިން ދިން ބޯޅައިގައި ޕެނަލްޓީ އޭރިއާ އަށް ވަދެ އޭނާއާ ދުރު ފަޅިއަށް ފޮނުވާލައިގެނެވެ.
ސެވިއްޔާއާ ސޮސިއަދާދު ކުޅުނު މެޗްގައި ސެވިއްޔާގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ ފްރާންސްގެ ވިސާމް ބެން ޔެދާ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޕަބެލޯ ސެރަބިއާ އެވެ.