ބޭރު ކުޅިވަރު

ފިފާގެ "ދަ ބެސްޓް އެވޯޑް" ކޮން ކުޅުންތެރިޔަކަށް؟

Jan 9, 2017
1

ފީފާއިން މުޅިއަލަށް ދޭން ފަށާ "ދަ ބެސްޓް އެވޯޑް" ހަފުލާ ސްވިޒަލޭންޑްގެ ޒިޔުރިކްގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަ ބެސްޓް އެވޯޑް ހަފަުލާގައި އެންމެ ހާއްސަ އެވޯޑަކީ އެންމެ މޮޅު ކުލުންތެރިޔާގެ އެވޯޑެވެ. އެ އެވޯޑަށް އަށް ވާދަ ކުރާނީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ އެންޓޯނިއޯ ގްރީޒްމަން އެވެ.

މި ތިން ކުޅުންތެރިންނަކީ ވެސް ސްޕެނިޝް ލީގްގެ އެންމެ ވާދަވެރި ތިން ކުލަބަށް ކުޅެމުންދާ ކުޅުންތެރިންނެވެ.

ރެއާލް މެޑްރިޑްގައި ރޮނާލްޑޯ ވަނީ މި ދިޔަ އަހަރުގެ ޔޫއެފްއާ ޗެމްޕިއަންސް ލީގް ހޯދާފަ އެވެ. އަދި ފްރާންސްގައި ބޭއްވި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތް ޕޯޗްގަލް އަށް ހޯދައިދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބާސެލޯނާގެ މެސީ ވަނީ ސްޕެއިންގެ ޑޮމެސްޓިކް ދެ މުބާރާތް ބާސެލޯނާ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އަދި ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ގެންގޮސް ދިނުމުގައި މެސީގެ ފަރާތުން ފެނުނު ކެޕްޓަނެއްގެ ލީޑާޝިޕާއި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުން ފާހަގަ ކުރެވުނެވެ.

އެތުލެޓިކޯ މެޑްރިޑްގެ އެންޓޯނިއޯ ގްރީޒްމަން ވަނީ ޗެމްޕިއަންސް ލީގް ފައިނަލަށް އެތުލެޓިކޯ ގެންގޮސް ދީފަ އެވެ. އަމިއްލަ ގައުމުގައި ބޭއްވި ޔޫރަޕްގެ ފައިނަލަށް ގައުމީ ޓީމު ގެންގޮސް ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް އޭނާ ހޯދި އެވެ.

އެވޯޑް ގެންދާނީ ކާކު؟

މިއަހަރަކީ ރޯނާލްޑޯގެ ފަހަރެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އެއީ މިދިޔަ އަހަރުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އިންޓަނޭޝަނަލް މުބާރާތްތައް ކުލަބަށާއި ގައުމީ ޓީމަށް ހޯދައިދީފައިވާތީ އެވެ. މެސީ އާއި ގްރިއެޒްމަން އަށް ބައިނަލްއަގްވާމީ މުބާރާތުގައި ޓީމަށް ހޯދައިދެވުނީ ރިހި މެޑަލް އެވެ.

ރޮނާލްޑޯ ވަނީ މިއަހަރު ހަތަރުން ރަން މެޑަލް ހޯދާފަ އެވެ. ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ އިތުރުން ޔޫއެފްއާ ސްޕަ ކަޕާއި ކުލަބު ވޯލްޑް ކަޕް މުބާރާތުގެ ރަން މެޑަލް ވެސް އޭނާ ވަނީ ހޯދާފަ އެވެ.

ފުޓްބޯޅާއިން ދޭ ބެލަންޑޯ އެވޯޑްވެސް މިފަހަރު ލިބުނީ އުމުރުން 31 އަހަރުގެ ރޮނާލްޑޯ އަށެވެ.

މިއަހަރަކީ ރޮނާލްޑޯގެ އިންޑަވިޖްއަލް އެވޯޑް ހަރުގައި ގިނަ އެވޯޑްތަކެއް ބަހައްޓާނެ ފަހަރެކެވެ. ފީފާގެ ދަ ބެސްޓް އެވޯޑް އޭނާ އަށް ލިބިއްޖެނަމަ އިންޑަވިޖްއަލް އެވޯޑް ހަރުގައި މިއަހަރު ހަތް އެވޯޑް ހުންނާނެ އެވެ.

ރޮނާލޯޑޯ އަށް މިފަހަރު މިހާތަނަށް ލިބުނު އެވޯޑް ތައް

1. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް
2. ކުޅިވަރު ނޫސް މާސާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް
3. ކުޅިވަރު ނޫސް ލަގެޒެޓާ ޑެލޯގެ ބެސްޓް އެވޯޑް
4. ބެލަންޑޯ އެވޯޑް
5. ފީފާ ކުލަބު ވޯލްޑް ކަޕް މޮޅު ކުޅުންތެރިޔާގެ އެވޯޑް
6. އަބޫދާބީގެ ގޯލްބް ސޮކާ އެވޯޑް