އާސެނަލްގެ އާ ކޮންޓްރެކްޓްގައި ސޮއި ކުރާނީ އަންނަ ސީޒަންގައިވެސް އާސެނަލްގެ ކޯޗެއްގެ ގޮތުގައި އާސެން ވެންގާ ދެމިހުންނާނެ ކަން ޔަގީންވުމުން ކަމަށް އެޓޭކިންގް މިޑްފީލްޑާ ޖަރުމަންގެ މެސްޓް އޮޒިލް ބުނެފި އެވެ.
އާސެނަލްއާ 2013 ވަނަ އަހަރު ގުޅުނު އޮޒިލް އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ދެން އޮތީ 18 މެހެވެ.
ޖަރުމަންގެ ފުޓްބޯޅަ މަޖައްލާއެއް ކަމަށްވާ "ކިކާ" އަށް ދިން އިންޓަވިއުގައި އޮޒިލް ބުނީ އޭނާ އާސެނަލްގައި ހުރީ އުފަލުން ކަމަށާއި ކުލަބުން އާ ކޮންޓްރެކްޓްގައި ސޮއި ކުރަން ތައްޔާރަށް ހުރިނަމަ އޭނާ ވެސް ތައްޔާރަށް ހުރިކަމަ ށެވެ.
މެނޭޖްމަންޓުން ތައްޔާރުވުމުގެ މާނަ ކަމަށް އޮޒިލް އެ ބުނީ އާސެން ވެންގާ އާއެކުވެސް އާ ކޮންޓްރެކްޓް ހެދުމެވެ. ވެންގާ އާސެނަލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. މިދިޔަ 20 އަހަރު އާސެނަލްގެ ކޯޗަކަށް ހުރީ ވެންގާ އެވެ.
"ސަޕޯޓަރުން ބޭނުންވޭ އަހަރެން ޓީމުގައި މަޑު ކުރަން، އަހަރެން މަޑު ކުރުން މިހާރު އޮތީ މެނޭޖްމެންޓް އަތް މަތީގައި،" އޮޒިލް ބުންޏެވެ.
ރެއާލް މެޑްރިޑްގައި ތިން އަހަރު ހޭދަ ކުރުމަށްފަހު އާސެނަލް އަށް ބަދަލުވި އޮޒިލް ބުނީ އާސެނަލްގައި އޭނާ ހުރީ މާލީ ސަބަބެއް އޮވެގެން ނޫން ކަމަށާއި އާސެނަލްގައި ހުރީ ވެންގާ ޓީމުގައި ހުރުމުން ކަމަށެވެ.
"އޭނާ (އާސެން ވެންގާ) އަކީ އަހަރެން މި ކުލަބަށް ސޮއި ކުރުވި މީހަކީ އަދި އަހަރެންގެ އިތުބާރު އޮތް މީހަކީވެސް އެއީ މެނޭޖްމަންޓަށް އެނގޭނެ އަހަރެން ގޮތެއް ނިންމާނީ ކޯޗުގެ ކޮންޓްރެކްޓަށް ވާ ގޮތަކުން ކަން."
އޮޒިލް އާ ކޮންޓްރެކްޓްގައި ސޮއި ނުކުރާތީ އާސެނަލްގެ ކުރީގެ ބައެއް ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ވަނީ ފާޑު ކިޔުންތައް އަމާޒު ވެފަ އެވެ. އާސެނަލްގެ ކުރީގެ ތަރި ފްރާންސްގެ ޓިއޭރީ އޮންރީ މީގެ ކުރިން ބުނެފައި ވަނީ އޮޒިލް އާއި އާސެނަލްގެ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް، އާ ކޮންޓްރެކްޓްގައި ސޮއި ނުކުރަނީ ކުލަބުގެ "މެނޭޖްމެންޓް އިތުރަށް ހާސް ކުރުވައި" މުސާރަ ބޮޑު ކުރުމަށް ޑިމާންޑް ކުރުމުގެ ގޮތުން ކަމަށެވެ. ސަންޗޭޒްގެ ކޮންޓްރެކްޓް ހަމަވާން ވެސް ދެން އޮތީ 18 މަސް ދުވަހެވެ.
ނަމަވެސް އޮޒިލް ބުނީ އާސެނަލްގެ ކުރީގެ ކުޅުންތެރިއަކު ކޮންމެ ވާހަކަ އެއް ދެއްކިޔަސް ސަމާލު ކަމެއް ނުދޭ ކަމަށާއި އެގޮތަށް ވާހަކަ ދައްކާ އެއްވެސް މީހަކަށް "ކަމުގެ އަސްލު ތަފްސީލެއް" ނޭންގޭނެ ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންވާ އެއްޗެއް ބުނުމުގެ ހައްގު އޮންނާނެ. އެމީހުން ބުނާ އެއްޗަކާ މެދު އަހަރެން ޝައުގުވެރި ކަމެއް ނެތް ކުރީގެ ކުޅުންތެރިއަކަސް ނުވަތަ އެހެން މީހަކަސް މިކަމުގައި އަހަންނާ ކުލަބުގެ މެނޭޖްމެންޓާ ދެމެދު ދެކެވިފައި ވާހަކަ ތަކެއް ނޭންގޭނެ."