ހޮލީވުޑް

ގޯލްޑެން ގްލޯބްސްގެ ރަން ވަނަތައް "ލާ ލާ ލޭންޑް" އަށް

Jan 9, 2017

ހޮލީވުޑްގައި ދެ ވަނަ އަށް އެންމެ ޝަރަފްވެރި އެވޯޑްގެ ގޮތުގައި މަޝްހޫރުވެފައިވާ ގޯލްޑެން ގްލޯބްސްގެ 74 ވަނަ ހަފުލާ ލޮސް އެންޖެލިސްގައި މިއަދު ނިމިގެން ދިޔައިރު ޑްރާމާ ކެޓަގަރީގެ އެންމެ މޮޅު ފިލްމަކަށް 'މޫންލައިޓް' ހޮވައިފި އެވެ. މި ފިލްމު ފަހަތުން އެންމެ މޮޅު ކޮމެޑީ އަދި މިއުޒިކަލް އަކަށް ހޮވާފައިވަނީ 'ލާ ލާ ލޭންޑް' އެވެ.

ޑްރާމާ ކެޓަގަރީގެ އެންމެ މޮޅު ފިލްމަކަށް ބެރީ ޖެންކިންސްގެ "މޫންލައިޓް" ހޮވުނު ނަމަވެސް ޝަރަފްވެރި މި ހަފުލާއެއްގެ ފޮނިކޮޅު ބޯލީ ޑޭމިއަން ޝެޒެލް ލިޔެ ޑައިރެޓްކޮށްފައިވާ "ލާ ލާ ލޭންޑް" އެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ރަޔަން ގޮސްލިން އާއި އެމާ ސްޓޯން އަށް މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު އެކްޓަރުންގެ އެވޯޑް ލިބުނުއިރު އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑް ގެންދިޔައީ ޝެޒެލް އެވެ.

މީގެ އިތުރުން އެންމެ މޮޅު އޮރިޖިނަލް ލަވަ އާއި އެންމެ މޮޅު އޮރިޖިނަލް ސްކޯގެ ޝަރަފް ވެސް ލިބުނީ މި ފިލްމަށެވެ. ޖުމްލަ ހަތް އެވޯޑް މި ފިލްމަށް ލިބުނުއިރު މިފަހަރުގެ ރޭހުގައި މި ފިލްމު ވާދަކުރި އެވޯޑްތަކަކީ ވެސް އެއީ އެވެ.

ވަރަށް ގިނަ ފާޑުކިޔުންތެރިން ސިފަކުރާ ގޮތުގައި "ލާ ލާ ލޭންޑް" އަކީ ފަހުގެ ތާރީޚެއްގައި ހޮލީވުޑް އުފެއްދި އެންމެ މޮޅު މިއުޒިކަލް އެވެ.

މި ފިލްމު ފަހަތުން ރޭގެ ހަފުލާ އިން ފާހަގަކޮށްލެވުނު އެހެން އެވޯޑްތަކަށް ބަލާއިރު ޑްރާމާ ފިލްމު ކެޓަގަރީގައި އެންމެ މޮޅު އެކްޓަރަކަށް ހޮވިފައި ވަނީ "މެންޗެސްޓާ ބައި ސީ" ގައި އަސަރުގަދަ ލީޑް ރޯލެއް ކުޅެފައިވާ ކޭސީ އެފްލެކް އެވެ. މި ކެޓަގަރީގެ އެންމެ މޮޅު ބަތަލާ އަކީ އެންމެ މޮޅު ފޮރިން ލެންގުއޭޖު ފިލްމުގެ އެވޯޑް ގެންދިޔަ "އެލީ" ގެ ބަތަލާ އިޒަބެލް ހުޕާޓެވެ.

މިފަހަރުގެ އެންމެ މޮޅު ޓީވީ ޑްރާމާގެ ރޭހުގައި "ގޭމް އޮފް ތްރޯންސް" އާއި "ސްޓްރޭންޖާ ތިންގްސް" އަދި "ވެސްޓް ވޯލްޑް" ކަޓުވާލުމަށް ފަހު މި އެވޯޑް ގެންދިޔައީ "ދަ ކްރައުން" އެވެ. ޓީވީ ޑްރާމާގެ ކޮމެޑީ މިއުޒިކަލް ކެޓަގަރީން އެންމެ މޮޅު ޑްރާމާ އަށް ހޮވިފައި ވަނީ "އެޓްލާންޓާ" އެވެ.

އެންމެ މޮޅު މިނި ސީރީޒްއަކަށް "ދަ ޕީޕަލް ވާސަސް އޯޖޭ ސިމްޕްސަން: އެމެރިކަން ކްރައިމް ސްޓޯރީ" ހޮވުނުއިރު މިދިޔަ އަހަރުގެ އެންމެ މޮޅު އެނިމެޓެޑް ފިލްމަކަށް ހޮވާފައި ވަނީ "ޒޫޓޯޕިއާ" އެވެ.