ހަބަރު

އެއް ވަޅުގައި ދެމަފިރިން ވަޅުލައިފި

މ. ލައިޓްސިގްނަލް ގޭގެ ފަސް ވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި އިއްޔެ މަރުވެފައި ތިއްބާ ފެނުނު ދެމަފިރިން މިއަދު އެއް ވަޅެއްގައި ވަޅުލައިފި އެވެ. އެ ދެމަފިރިން ވަޅުލާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާ ސަހަރާގަ އެވެ.

ދެ މީހުން އެއް ވަޅެއްގައި ވަޅުލުމަކީ ރާއްޖޭގައި ވަރަށް ނުކުރާ ކަމެކެވެ. ގާސިމު ޝާހިދު އަދި ރަޒީނާ އިބްރާހީމްގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުންވަނީ ބައިވެރިވެފަ އެވެ.

ގާސިމް އާއި ރަޒީނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވުމުން އިއްޔެ ހެނދުނު 11:00 އެހާކާންހާއިރު ކޮޓަރި ހުޅުވައިގެން ބެލުމުންނެވެ. ދެމަފިރިން މަރުވިއިރު ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި ކިޔަވާ ދެ ކުދިން ވެސް ހިމެނެ އެވެ. ޝާހިދަކީ ގިނަ އަހަރުތަކެއް ވަންދެން ކުރުނބާގައި ރިސޯޓްގައި މަސައްކަތް ކުރަމުން އައި އަދި އެ ރިސޯޓްގެ ޗެއާމަން އެމްޔޫ މަނިކުގެ ލޯންޗް ޑްރައިވަރެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ދެމަފިރިންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ ގޮތުން ފުލުހުން އާއިލާގެ ބަހަކަށް އެދުނެވެ. ނަމަވެސް ގުދުރަތީ މަރެއް ކަމަށް ލަފާ ކުރެވޭތީ އެކަމަށް އެ ދެމެފަިރިންގެ ބޮޑު ދަރިފުޅު އެއްބަސް ނުވީ އެވެ.