ދުނިޔެ

އައިއެސް އިން ވަނީ އަމިއްލަ "ގުއަންޓަނާމޯ ބޭއެއް" ހަދާފައި

އިރާގާއި ސީރިއާގައި އަތްގަދަކޮށް ދުނިޔެ އަށް ބިރު ދައްކަމުން އަންނަ ޓެރަރިސްޓް ބައިގަނޑު، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން ސަލާމަތްވެގެން އަންނަ މީހުން ކިޔައިދޭ ގޮތުން އައިއެސް އިން ވަނީ އެމީހުންގެ އަތްދަށުވާ މީހުންނަށް ހާއްސަކޮށްގެން "ގުއަންޓަނާމޯ ބޭ" އާ އެއްވަރުގެ ޖަލެއް ހަދައިފަ އެވެ.

އެންމެފަހުން އައިއެސް އިން ދޫކޮށްލި ސްޕެއިންގެ ނޫސްވެރިޔާ ހާވިޔާ އެސްޕިނޯސާ އޭނާގެ "އެލް މަންޑޫ" ނޫހުގައި އިއްޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ކިއުބާގެ ގުއަންޓަނާމޯބޭގައި ޓެރަރިސްޓުންނަށް ހާއްސަކޮށްގެން އެމެރިކާ އިން ހިންގާ މަޝްހޫރު ޖަލާ އެއްވަރުގެ ޖަލެއް ހެދުމަކީ އައިއެސް އިން މާ ކުރިން ވެސް ގެންގުޅެމުން އައި ވިސްނުމެއްކަން އެމީހުންގެ ވިސްނުމާއި އަމަލުތަކުން އެނގޭ ކަމަށެވެ. ސްޕެއިންގެ މި ނޫސްވެރިޔާ އައިއެސްގެ އަތްދަށުވީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

އެސްޕިނޯސާ ބުނެފައި ވަނީ ސީރިއާގެ ހަލަބުގައި އައިއެސް އިން ގާއިމުކޮށްފައިވާ ޖަލަކީ ސީދާ ހުޅަނގުގެ މީހުންނަށް ހާއްސަކޮށްފައިވާ ޖަލެކެވެ. އެގޮތުން ހުޅަނގުގެ 11 ގައުމަކަށް ނިސްބަތްވާ 23 މީހަކު ރަހީނުކޮށް މި ޖަލުގައި ބަންދުކޮށްގެން އަނިޔާކުރަމުން ގެންގޮސްފައިވާ ކަމަށް އޭނާ ބުނެ އެވެ.

މިގޮތަށް ހައްޔަރުކޮށްގެން ގެންގުޅޭ މީހުންނަށް އައިއެސް އިން ވޯޓާބޯޑިން ފަދަ، ގުއަންޓަނާމޯ ބޭ ޖަލުގައި ވެސް ގައިދީންނަށް ދޭ ފަދަ އަދަބުތައް ދެ އެވެ. ނަމަވެސް އައިއެސް ވަނީ މީހުންނަށް އަނިޔާވެރިވުމުގައި ވެސް ހައްދުފަހަނަޅައި ގޮސްފަ އެވެ.

އެގޮތުން ރަހީނުކޮށްފައިވާ މީހުން ކަތިލައި، ބޯ ބުރިކޮށް ދަނގަނޑު ކޮށިތަކުގައި ބަންދުކޮށް އަލިފާން ޖަހައި އަންދާލާފައި ވެސް އެބަހުއްޓެވެ.

އައިއެސްގެ ވާހަކަ އެސްޕިނޯސާ މިގޮތަށް ކިޔައިދީފައި މި ވަނީ އޭނާ ދޫކޮށްލިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާ ބުނެފައި ވަނީ އެގޮތަށް އަމަލުނުކޮށްފި ނަމަ ބަންދުކޮށްފައިވާ އެހެން އެންމެން މަރާލާނެ ކަމުގެ އިންޒާރު އައިއެސް އިން އޭނާ އަށް ދީފައިވާ ކަމަށެވެ.

އެންމެފަހުން އޭނާ އައިއެސްގެ ވާހަކަ އާންމުކޮށް ކިޔައިދިންއިރު ރަހީނުކޮށްފައިވާ 23 މީހުންގެ ތެރެއިން 15 މީހަކު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރާލައިފަ އެވެ.

މި 23 މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ ނޫސްވެރިންނާއި އެހީ ފޯރުކޮށްދޭ ގްރޫޕްތަކުގެ މެމްބަރުންނެވެ.

މިފަދަ ރަހީނުންނަށް ހާއްސަކޮށްގެން އައިއެސް އިން ގުއަންޓަނާމޯ ބޭ ޖަލާ އެއްވަރުގެ ޖަލެއް ހަދައިގެން އުޅޭއިރު އައިއެސްގެ މެމްބަރުން ފަދަ ޓެރަރިސްޓުންނަށް ހާއްސަކޮށްގެން އެމެރިކާ އިން ގުއަންޓަނާމޯބޭގައި ޖަލެއް ހިންގަން ފެށީ އެގައުމުގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގަ އެވެ.